ޚަބަރު
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމުގެ ކޯޅުމާއެކު އެމްޑީޕީގެ އެތެރޭގެ މައްސަލަތައް އިތުރަށް ހޫނުވެއްޖެ
ފޮޓޯ: ސޯޝަލް މީޑިއާ
ފަރުދުން
10 އޭޕްރީލު 2026، 03:17
10 އޭޕްރީލު 2026، 03:17
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމަށް މީހަކު އައްޔަންކުރުމާ ގުޅޭގޮތުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި ބޮޑު ކޯޅުމެއް ފެށި، ޕާޓީގެ އެތެރޭގެ ބައިބައިވުން އިންތިހާއަށް އިތުރުވެއްޖެއެވެ.
މިދިޔަ ހަފުތާގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލްގެ 18 ގޮނޑީގެ ތެރެއިން 16 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، ޑެޕިއުޓީ މޭޔަރުކަމުގެ މަގާމަށް އެ ޕާޓީގެ އަށް ކައުންސިލަރަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. މި މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި މައްޗަންގޮޅި އުތުރު ދާއިރާގެ ކައުންސިލަރު ޚަދީޖާ މުޙައްމަދާއި، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒާހިޔާ ހިމެނޭ ކަމަށް ސޯޝަލް މީޑިއާގައި ދަނީ ވާހަކަތައް ފެތުރެމުންނެވެ. މިއާއެކު، މަގާމު ހޯދުމުގެ ބޭނުމުގައި ކައުންސިލަރުންގެ މެދުގައި ވާދަވެރިކަން އުފެދި، ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ބަދަލުގައި ޕާޓީގެ އެތެރޭގެ އަރައިރުންތަކަށް ވަނީ ޖާގަދެވިފައެވެ. މިފަދަ ވާދަވެރިކަމުގެ ސަބަބުން ކައުންސިލްގެ މަސައްކަތްތަކަށް ހުރަސްއެޅި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ލަސްވެދާނެ ކަމުގެ ކަންބޮޑުވުންތައް ވެސް މިހާރު ވަނީ އިތުރުވެފައެވެ.
މި ކޯޅުންތަކުގެ އިތުރުން، އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) މަގާމުން ދުރުކުރުމުގެ މަސައްކަތްވެސް ޕާޓީގެ ތެރޭގައި ވަނީ ފަށާފައެވެ. ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 55 މެމްބަރުންގެ ސޮޔާއެކު މިހާރު ވަނީ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅާފައެވެ. އޭނާއާ ދެކޮޅަށް މި މައްސަލަ ހުށަހެޅީ، ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް، ޕާޓީގެ ނައިބު ޗެއަރޕާސަން އިބްރާހީމް ވަޙީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަޙްމަދު މަޢުރޫފް ކުއްލި ގޮތަކަށް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
އެމްޑީޕީގެ އެތެރޭގެ މައްސަލަތައް އިތުރަށް ގޯސްވީ، އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދެއްކުމުގެ ފުރުސަތު ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލަށް ނުދިނުމުންނެވެ. މިކަމާ ގުޅިގެން އެ ބޭފުޅުން ވަނީ އެ ޖަލްސާ ބޮއިކޮޓްކުރައްވާފައެވެ.
އިންތިޚާބެއް ކާމިޔާބުކުރެވުނު ނަމަވެސް، އެމްޑީޕީގެ ލީޑަރޝިޕްގެ ތެރޭގައި އުފެދިފައިވާ މި ފުން ކޯޅުންތަކުގެ ސަބަބުން ޕާޓީގެ ހިންގުން ވަނީ ނިޒާމުން ބޭރުވެފައެވެ. އަދި މިފަދަ ދާޚިލީ މައްސަލަތަކުގެ ސަބަބުން، މާލޭގެ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ކައުންސިލަށް ހުރަސްތަކެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން އާންމުންގެ މެދުގައި ވަނީ އުފެދިފައެވެ.
ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި