Ads by Farudhun

ޚަބަރު

އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ މާދަމާ އިޢުލާނުކުރަނީ

އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ މާދަމާ އިޢުލާނުކުރަނީ

އިންތިޚާބު ނިމި ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދަނީ.ފޮޓޯ: އީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 އޭޕްރީލު 2026، 03:44

10 އޭޕްރީލު 2026، 03:44

މިމަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ މާދަމާ އިޢުލާން ކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް އިންތިޚާބުގެ ގޮތުގައި ފާހަގަކުރެވޭ މި އިންތިޚާބުގައި ތިން ވޯޓެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނެގި ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި، މި ވޯޓުގެ ވަގުތީ ނަތީޖާތައް މިހާރު ވަނީ އެ ކޮމިޝަންގެ ވެބްސައިޓުގައި އާންމުކޮށްފައެވެ. ނަމަވެސް، ޝަކުވާ ހުށަހެޅިފައިވާ ބައެއް ފޮށިތަކުގެ ނަތީޖާ އަދި އާންމުކޮށްފައެއް ނުވެއެވެ. އެ ކޮމިޝަނުން ވިދާޅުވީ ޝަކުވާ ހުށަހެޅުނު ފޮށިތައް އަލުން ގުނައި، އޭގެ ދާއިމީ ނަތީޖާ މާދަމާ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ރަސްމީކޮށް އިޢުލާން ކުރައްވާނެ ކަމަށެވެ.

މި ފަހަރުގެ އިންތިޚާބަކީ ކައުންސިލް އިންތިޚާބެއްގައި އެންމެ ގިނަ މީހުން ވޯޓުލީ އިންތިޚާބު ކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއެވެ. އެގޮތުން ވޯޓުލުމުގެ ހައްޤު ލިބިފައިވާ 294,876 މީހުންގެ ތެރެއިން 73 އިންސައްތަ މީހުން ވަނީ ވޯޓުލުމުގައި ބައިވެރިވެފައެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވޯޓުލާފައިވެއެވެ.

އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން މިހާރު ވަނީ މި ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައެވެ. ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުން ކުރިއަށް ގެންދާނީ އެއް ރަސްމިއްޔާތެއްގެ ތެރެއިން ކަމަށްވެސް އެ ކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450