ޚަބަރު
ދ. މީދޫގައި ބެއްހެއްޓި ވޯޓު ފޮއްޓެއް އަލުން ގުނަނީ
މާލޭގެ ވޯޓުލާ މަރުކަޒެއްގައި ބެހެއްޓި ވޯޓު ފޮއްޓެއް. ފޮޓޯ: އީސީ
ލޯކަލް ކައުންސިލް އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓާ ގުޅޭ މައްސަލައެއް ހުށަހެޅުމާ ގުޅިގެން، އެ މަގާމުގެ ވޯޓު އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ބަލައި، އަލުން ގުނުމަށް ނިންމާފައިވަނީ ދ. މީދޫގައި ބެއްހެއްޓި 2 ނަންބަރު ވޯޓު ފޮށި ކަމަށެވެ. މި ފޮށި ގުނުމުގެ މަސައްކަތް މިއަދު ހަވީރު 16:00 ގައި ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.
މި މައްސަލަ ފެންމަތިވާން ދިމާވި ސަބަބަކީ ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަކަށް، ވޯޓުލުމުގެ ހައްގު ލިބިގެންނުވާ ފަރާތަކުން ވޯޓުލާފައިވާކަން ހާމަވުމުންނެވެ. އެ ފަރާތުން ލީ ވޯޓު އުނިކުރުމާ ގުޅިގެން، މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ ވޯޓު ވަނީ އެއްވަރުވެފައެވެ.
ވޯޓުގެ ނަތީޖާއަށް ބަދަލު އައުމާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ވޯޓު ފޮށީގެ ސެކިއުރިޓީ އުރަ ކަނޑައި، ވޯޓު ގުނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މި މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް މީޑިއާތަކަށް ވެސް މިހާރު ވަނީ ދައުވަތު ދީފައެވެ.