ޚަބަރު
އަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސްވެރިންނަށް 88.8 މިލިޔަން ރުފިޔާ ދޫކޮށްފި
މަސްދޯންޏެއްގައި މަސްވެރިކަން ކުރަނީ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މަސްވެރިންނަށް މުޅި ޖުމްލަ 88.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޖުމްލަ 5،186 ޓަނުގެ މަސް އެ ކުންފުންޏަށް ވަނީ ކިރުވާފައެވެ.
މަހުން މަހަށް މިފްކޯއަށް މަސްކިރުވާފައިވާ މިންވަރަށް ބަލާއިރު، ޖަނަވަރީ މަހު 2،454 ޓަނުގެ މަސް ކިރުވާފައިވެއެވެ. ފެބުރުއަރީ މަހު 1،108 ޓަނުގެ މަސް ކިރުވާފައިވާއިރު، މާރިޗު މަހުގެ ތެރޭގައި ކިރުވާފައިވަނީ 1،625 ޓަނުގެ މަހެވެ.
ފައިސާ ދޫކުރި މިންވަރު
މަސްވެރިންނަށް ފައިސާ ދޫކުރި މިންވަރަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެ މަހު 40.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، ފެބުރުވަރީ މަހު 19 މިލިޔަން ރުފިޔާ އަދި މާރިޗު މަހުގެ ތެރޭގައި 29.3 މިލިޔަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.
މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަން ފެށީ މި ސަރުކާރުން 2024 ޑިސެންބަރު 11 އިން ފެށިގެންނެވެ. އޭގެފަހުން މެދުކެނޑުމެއް ނެތި ސަރުކާރުން އަންނަނީ ގަވާއިދުން މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ. މީގެ އިތުރުން، ކުރިން ހަމައެކަނި ކަޅުބިލަ މަހުގެ މަސްވެރިންނަށް ފައިސާ ދޫކުރި ނަމަވެސް، މިހާރު ކަންނެލި ދޯނިފަހަރުތަކަށް ވެސް މިފްކޯއިން ވަނީ ފައިސާ ދޫކުރަން ފަށާފައެވެ.