ޚަބަރު
ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ ޞިއްޙީ ފުރަތަމަ އެހީގެ ތަމްރީން ޕްރޮގްރާމް އިފްތިތާޙްކޮށްފި
ޕްރޮގްރާމުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ ޞިއްޙީ ފުރަތަމަ އެހީގެ ތަމްރީން ޕްރޮގްރާމް 23 ބައިވެރިންނާއެކު އިފްތިތާޙްކޮށްފިއެވެ.
މި ޕްރޮގްރާމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި، ޞިއްޙީ ވުޒާރާއާއި، ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ޖުމްލަ 130 މީހުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާއިރު، ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި މީގެތެރެއިން ހޮވާލެވޭ ބައިވެރިންނަށް އިތުރު ތަމްރީންދީ ފުރަތަމަ އެހީ ޕްރޮގްރާމް ހިންގާނެ ޓްރެއިނަރުންގެ ގޮތުގައި ނެރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމް އިފްތިތާޙުކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒް ވިދާޅުވީ، މި ޕްރޮގްރާމްގެ އަލީގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޞިއްޙީ ފުރަތަމަ އެހީ ދިނުމަށާއި، ސީޕީއާރު ދިނުމަށް ތަމްރީން ކުރުމުން ދިވެހި ރާއްޖޭއަކީ ފަތުރުވެރިންނަށް އަމާން، ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން، ޞިއްޙީ ކުއްލި ހާލަތްތަކުގައި އިޖާބަދިނުން އަވަސްވެ ފަރުވާ ބޭނުންވާ މީހާގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެކަން ސްޓޭޓްގެ ވާހަކަފުޅުގައި ފާހާގަކުރެއްވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ޝުކުރު ދަންނަވާފައިވާއިރު، މިފަދަ ޚިދުމަތްތައް ފޯރުކޮށްދޭ އެންމެހައި ފަރާތްތަކުން ފަތުރުވެރިންގެ ކަންކަމުގައި އިތުރަށް ސަމާލުވެ، ފަރުވާތެރިވުމަށް ވެސް އެ ވުޒާރާއިން އިލްތިމާސްކުރެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ހިންގާ މި ޕްރޮގްރާމްގެ ބައިވެރިންނަށް ތަމްރީންދޭނީ ދިވެހި ރެޑް ކްރެސެންޓްގެ ފަންނީ ބޭފުޅުންނެވެ.