ޚަބަރު
އަމީނީ މަގުގެ ހުޅަނގަށްވީ ބައި އަލުން ތަރައްޤީކުރުމަށް އާރްޑީސީން ތައްޔާރުވަނީ
އަމީނީ މަގުގެ ހުޅަނގު ފަރާތް/ފޮޓޯ: ގާފު
އަމީނީ މަގުގެ ހުޅަނގަށްވީ ބައި ތާރު އަޅައިގެން އަލުން ތަރައްޤީކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުން ތާރު އަޅައިގެން ތަރައްޤީކޮށްފައިވާ އަމީނީ މަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި އެމަގު ވަރަށް ބޮޑަށް ހަލާކުވެފައިވާކަމުގެ ޝަކުވާ ޢާންމު ރައްޔިތުން ވެސް އަންނަނީ ކުރަމުންނެވެ.
މިކަމާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް ވިދާޅުވީ، އެ މަގުގައި ހުންނަ ޣިޔާސުއްދީން ސްކޫލުން ފެށިގެން ހުޅަނގަށް އޮތް ބައި ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައިވާ ކަމަށެވެ. ހަމަ އެހެންމެ، މަގުގެ މަރާމާތުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށްޓަކައި އިމާރާތްކުރުމާ ބެހޭ ވުޒާރާއާ މަޝްވަރާކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ފެށޭނެކަމަށް ނަޡީމް ވިދާޅުވިއެވެ.

މިހާރު އެތަނުގައި އޮތް ތާރުގަނޑު ނަގާފައި އަލުން އެތަނުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ. ދެން އެއީ މާލޭގައި އަޅުގަނޑުމެން ކުރިއަށްގެންދާނެ އެންމެ ބޮޑު މަސައްކަތް.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް ވިދާޅުވިއެވެ.
މީގެ އިތުރުން، އެ މަގުގައި އަލުން ތާރު އަޅަައިގެން ތަރައްޤީކުރާއިރު، ޓެކްނިކަލީ ބަލަންޖެހޭ ހުރިހާ ކަމެއް ވެސް ބަލާނެކަމުގެ ޔަޤީންކަން ނަޡީމް ވަނީ ދެއްވާފައެވެ. އެގޮތުން، އަލުން ތާރު އަޅާއިރު ރަނގަޅު ފެންވަރަކަށް ތާރު އަޅާނެ ކަމަށާއި، ޚާއްޞަކޮށް އެ ސަރަޙައްދުގައި ތާރު އެޅުމުގެ ކަންކަން ކުރިއަށްގެންދާއިރު ރާއްޖެއިން ބޭރުން ރޯޑް އިންޖިނިއަރެއް ގެނެސްގެން އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް ވެސް ނަޡީމް ވިދާޅުވިއެވެ.

އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަޙައްދު، ސެގްމަންޓް 11 އަދި 12ގެ މުޅި މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ހަމަ އެއާއެކު، މިދިޔަ އަހަރުގެ ކުރީކޮޅުވެސް މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައި ތާރުއަޅާ މަރާމާތްކޮށްފައި ވެއެވެ. ނަމަވެސް، މި ތާރުގަނޑު އަވަހަށް ހަލާކުވަނީ، ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލާތީކަމަށް ރޯޑް އިންޖިނިއަރުން ވަނީ ފާހަގަކުރައްވާފައެވެ.
މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްޤީކޮށްފައިވެއެވެ.