ޚަބަރު
ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކުގެ ދެވަނަ ބުރަށް ދިޔަ ދާއިރާތަކުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު!
އިންތިޚާބެއްގެ ތެރެއިން--
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ދެވަނަ ބުރަށް ދިޔަ ދާއިރާތަކުގެ އިންތިޚާބު އަންނަ ހޮނިހިރު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވާފައި ވަނީ، މިމަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ ރަސްމީކޮށް އިޢުލާންކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވީ، މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކަކީ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބެއްގައި އެންމެ ގިނަ ޢަދަދަކަށް ރައްޔިތުން ވޯޓުލި ފަހަރު ކަމަށާއި، މި އިންތިޚާބުގެ ހުރިހާކަމެއް ވެސް ކުރިއަށްދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާއެކުގައި ކަމަށެވެ. ހަމަ އެހެންމެ، އިންތިޚާބުގައި ދެވަނަ ބުރަކަށް ވޯޓުލާންޖެހޭ ދާއިރާތަކުގެ ވޯޓުލުން އެޕްރީލް 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.
މި އިންތިޚާބުގެ ދެވަނަ ބުރަށް ދާ ދާއިރާތަކުގެ އިންތިޚާބު 2026 އެޕްރީލް، އާދެ މި މަހުގެ 18ވާ ހޮނިހިރު ދުވަހު ބޭއްވިގެންދާނެ. މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކުރުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ފަށައިފިން.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން، މިފަހަރުގެ އިންތިޚާބާ ގުޅިގެން ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް 170 ޝަކުވާ ލިބިފައިވާ ކަމަށާއި، މި ޝަކުވާތަކާ ގުޅިގެން ޤާނޫނީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޖަވާބު އެރުވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ. ހަމަ އެހެންމެ، ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ދޭ ޖަވާބާމެދު ހިތްހަމަ ނުޖެހޭނަމަ އެ މައްސަލައެއް ހައި ކޯޓަށް ހުށަހެޅުމުގެ ޙައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާކަން ޒާހިދު ފާހަގަކުރެއްވިއެވެ.
އިންތިޚާބީ ޝަކުވާތައް ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ފަހިކޮށްދީފައިވާއިރު ޝަކުވާ ފޯމު މެދުވެރިކޮށް އަދި އޮންލައިންކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވެއެވެ.