ޚަބަރު
މި އަހަރުގެ ފުރަތަމަ ތިން މަހު ދައުލަތަށް ބޭރު ފައިސާއިން ލިބުނު އާމްދަނީއަށް %16 ކުރިއެރުމެއް!
ޑޮލަރު/ފޮޓޯ: ސީއެންއެމް
މި އަހަރުގެ ފުރަތަމަ ތިން މަހު ދައުލަތަށް ބޭރު ފައިސާއިން ލިބުނު އާމްދަނީއަށް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، %16 ކުރިއެރުމެއް އައިސްފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކަައިފިއެވެ.
މިއަހަރުގެ ފުރަތަމަ ތިންމަސް ދުވަހަށް މީރާއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޓެކުހުގެ ގޮތުގައި މިދިޔަ މާޗު މަހުގެ ނިޔަލަށް 410.3 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. ނަމަވެސް، މިދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޓެކުހުގެ ގޮތުގައި ބޭރު ފައިސާއިން ލިބުނު އާމްދަނީއަކީ 332.1 މިލިއަން ޑޮލަރެވެ. އެހެންކަމުން، މި އަހަރުގެ އެ މުއްދަތުގައި ލިބުނު ބޭރު ފައިސާގެ އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު 23.5 އިންސައްތަ ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން، ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއަށް ބަލާއިރު އެންމެ ގިނައިން ބޭރު ފައިސާ ލިބުނީ ޓީޖީއެސްޓީގެ ގޮތުގައެވެ. އެގޮތުން، ޓީޖީއެސްޓިގެ ގޮތުގައި 269.5 މިލިއަން ޑޮލަރު ލިބުނުއިރު، ގްރީން ޓެކުހުގެ ގޮިތުގައި 47.7 މިލިއަން ޑޮލަރު، އަދި އާމްދަނީން ނަގާ އެކި ބާވަތުގެ ޓެކުހުގެ ގޮތުގައި ބޭރު ފައިސާއިން 56.2 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ހަމަ އެއާއެކު، ޑިޕާޗާ ޓެކުހުގެ ގޮތުގައި 36.6 މިލިއަން ޑޮލަރު ލިބިނުއިރު، ޓެކްސް ނޫން ގޮތްގޮތުން ލިބުނު ޑޮލަރުގެ އާމްދަނީއަކީ 102.1 މިލިއަން ޑޮލަރެވެ. އަދި ޓެކުސް ނޫން ގޮތްގޮތުން ލިބުނު ބޭރު ފައިސާގެ ތެރެއިން އެންމެ ގިނައީ ޑިޕާޗާ ފީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ޑިޕާޗާ ފީގެ ގޮތުގައި 37.1 މިލިއަން ޑޮލަރު ލިބިފައިވެއެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރި ބިންތަކުގެ ލޭންޑް އެކުއިޒިޝަން ފީގެ ގޮތުގައި 20.5 މިލިއަން ޑޮލަރު ލިބިފައިވާއިރު، ލީސް މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 6.6 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. ހަމަ އެއާއެކު، ފަތުރުވެރިކަަމށް ދޫކޮށްފަައިވާ ބިންތަކުގެ ކުލީގެ ގޮތުގައި އެ މުއްދަތުގައި 35.7 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއާއެކު، މި އަހަރުގެ ފުރަތަމަ ތިން މަހު ބޭރު ފައިސާއިން ޖުމްލަ 512.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ބޭރު ފައިސާއިން ލިބުނު ޖުމްލަ އާމްދަނީއަކީ 441.8 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ނިމުނު އަހަރުގެ ފުރަތަމަ ތިން މަހު ޖުމްލަ އާމްދަނީގެ ގޮތުގައި 9.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރު އެ ޢަދަދުވަނީ 11.27 ބިލިއަނަށް އިތުރުވެފައެވެ. އެއީ 18 އިންސައްތައިގެ އިތުރުވުމެކެވެ.