ޚަބަރު
ތުޅާދޫ އާއި ވިލުފުށީގައި ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ތުޅާދޫ ހައުސިންގ ޔުނިޓްތައް/ފޮޓޯ: ހަފްސީ
ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމުގެ މުއްދަތު އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އިތުރުކޮށްފި އެވެ.
މި ދެ ރަށުގައި ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލުމުގެ އުޞޫލު މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ޢާންމުކޮށްފައިވާއިރު، ފޯމު ހުށަހެޅުމުގެ ފުރުޞަތު އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށެވެ. ނަމަވެސް، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ވަނީ، މި މުއްދަތު މިމަހުގެ 30 ވަނަ ދުވަހުގެ 23:59 އަށް އިތުރުކޮށްފައެވެ. އެ ވުޒާރާއިން ވިދާޅުވީ، މި ހައުސިންގ ޔުނިޓްތަކަށް އެދި ފޯމު ހުށަހަޅަންޖެހޭނީ "ހިޔާވަހި" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
އަތޮޅުތަކުގައި ބޯހިޔާވަހިކަން ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދަނީ އެ ވުޒާރާއިން އަލަށް އެކުލަވާލާފައިވާ ގެދޮރުވެރިކަމުގެ އުޞޫލުގެ ދަށުންނެވެ. އައު އުޞޫލުގައިވާ ގޮތުން މި ފްލެޓްތަކަށް އެ ރަށްރަށުގެ ރަށްވެހިންގެ އިތުރުން، އެ ރަށެއްގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރުވެފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެއެވެ. ކުރިމަތިލާ ފަރާތަކީ އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހޭއިރު، އެމީހެއްގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް އޮވެގެން ނުވާނެއެވެ. އަދި މަހެއްގެ މައްޗަށް ލިބޭ އާމްދަނީ 60،000 ރުފިޔާއަށްވުރެ އިތުރުވެގެން ނުވާނެއެވެ.
އުސޫލު ނަންބަރު G-33/2025 ގެ ދަށުން މާޅޮސްމަޑުލު ދެކުނުބުރީ (ބ) ތުޅާދޫގައި ދޫކުރާ 100 ހައުސިންގ ޔުނިޓާއި އުސޫލު ނަންބަރު G-34/2025 ގެ ދަށުން ކޮޅުމަޑުލު (ތ) ވިލުފުށީގައި ދޫކުރާ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ
— Ministry of Construction, Housing & Infrastructure (@MoCImv) April 11, 2026
ޢިއުލާނު:https://t.co/007aYfRz1Z… pic.twitter.com/v2lnsdpOL8
މި މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވަނީ 3 ކޮޓަރީގެ ރޯހައުސްތަކެކެވެ. އެގޮތުން، ކޮންމެ ޔުނިޓެއް ވެސް ބިނާކޮށްފައިވަނީ 2002 އަކަފޫޓުގެ ބިމެއްގައި، އިމާރާތްކުރެވޭ އޭރިއާ 1204 އަކަފޫޓަށް ހުންނަ ގޮތަށެވެ. މި ޔުނިޓްތައް ހަވާލުކުރާނީ ފިނިޝިންގެ ހުރިހާ މަސައްކަތެއް ނިންމުމަށްފަހުގައި ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވާއިރު، ވިލުފުށީގައި ހުރި ރޯހައުސްތަކަކީ 2011 ވަނަ އަހަރު ނޫމަޑިއާ ހަވާލުކޮށްގެން ފެށި ނަމަވެސް، މަސައްކަތް ހުއްޓުމުގެ ސަބަބުން ފަހުން އެހެން ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ނިންމާފައިވާ ތަންތަނެވެ.
މިހާރު ދެ ރަށުގައިވެސް ކުރިއަށްދަނީ ހައުސިންގ ޔުނިޓްތަކަށް ބޭނުންވާ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ގުޅައިދިނުމުގެ މަސައްކަތްތަކެވެ. މި ޚިދުމަތްތައް ނިމުމާއެކު، ހޮވޭ ފަރާތްތަކަށް ޔުނިޓްތައް ހަވާލުކުރެވޭނެއެވެ.