ޚަބަރު
ހުޅުމާލެއިން 15 ބިދޭސީން ބަލައިފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ އެކަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އޮޕަރޭޝެންގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން
ހުޅުމާލެއިން 15 ބިދޭސީން ބަލައިފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅުނު ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ޙަރަކާތްތެރިވާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާ، ފުލުހުންގެ ޚިދުމަތާއި، އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގުޅިގެން ވަނީ ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލާފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން އިއްޔެ ހެނދުނު ހުޅުމާލެ ފޭސް 1 ގެ ސައިމާ ހިނގުމާއި ހައިވަކަރު މަގުގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން، މި އޮޕަރޭޝަނުގައި 15 ބިދޭސީން ބަލައިފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ އެއް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން މިއަދު ހެނދުނު ވަނީ ހުޅުމާލެ ފޭސް 1 ގެ ސައިމާ ހިނގުމާއި ހައިވަކަރު މަގުގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި. އެގޮތުން، 15 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ އެއް ބިދޭސީއަކު… pic.twitter.com/8QKCl8w8OX
— Maldives Immigration (@ImmigrationMV) April 11, 2026
އިމިގްރޭޝަނުން ކުރިއަށް ގެންދާ މި އޮޕަރޭޝަންތަކުގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި، ޢާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި ދިރިއުޅެމުންދާ ތަންތަން ބަލައިފާސްކުރަމުން އަންނައިރު، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އެފަދަ ތަންތަން ކުއްޔަށް ދީފައިވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.