ޚަބަރު
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމާލައިފި
ޕްރޮގްރާމު ނިންމާލުން/ފޮޓޯ: ވުޒާރާ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސިވިލް ސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓްއާއި ގުޅިގެން އެ ވުޒާރާގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގުރާމު ނިންމާލައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގުރާމަކީ ސިވިލް ސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ދައުލަތުގެ ވުޒާރާތަކަށް އަމާޒުކޮށްގެން ކޮންމެ މަހަކުވެސް ހިންގަމުން ގެންދާ "މަންތްލީ ސްޕެޝަލް ޕްރޮގުރާމް" ތަކުގެ ތެރެއިން ހިންގުނު ޕްރޮގުރާމެއް ކަމަށެވެ.
މި ޕްރޮގުރާމުގެ ނިންމުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްއާއި، ކޮމިޝަނުގެ މެމްބަރުން ވަނީ ބައިވެރިވެޑައިގަންނަވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛާ ޙައްވާ ލަޠީފްއެވެ.

މި ތަމްރީން ޕްރޮގުރާމުގެ ތެރެއިން މުވައްޒަފުންގެ މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިތުރުކުމަށް އަވަސް އަދި ފަސޭހަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމާއި ގުޅޭ ތަމްރީނާއި، އޮފީސް މާހައުލުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމާއި، މަސައްކަތުގެ މާހައުލުގައި ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކޮށްގެން މަސައްކަތްތައް ހަލުވިކޮށް، ހަރުދަނާކުރާނެ ގޮތްތައް ދަސްކޮށްދީފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން، ދައުލަތުގެ ވުޒާރާތަކާއި އެދި އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލްކަން އިތުރުވެ، ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް އިތުރު ކުރިއެރުމެއް އައުމަށް މަގުފަހިވެގެންދާނެ އެވެ.