ޚަބަރު
ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު ހިނގާގޮތް ބަލަން މަޖިލީހަށް ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށް މަހެއްހާ ދުވަސް ވެފައިވާއިރު، އެ މައްސަލަ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަމުންދާ މިންވަރު ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
މިކަމަށް އެދިވަޑައިގަތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ފޮނުއްވި ސިޓީއެއްގައެވެ.
މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި މި ހާދިސާގައި އަށް މީހަކު ފިހިފައިވާއިރު، އޭގެ ތެރެއިން ފަސް މީހަކު ވަނީ ނިޔާވެފައެވެ. މެންބަރު މުހައްމަދު އިބްރާހީމް އެދިވަޑައިގެންފައިވަނީ މަޖިލީހުގެ "ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ" މެދުވެރިކޮށް މި ހާދިސާގެ ތަފްސީލީ މައުލޫމާތު ސާފުކުރުމަށެވެ.
މަޖިލީހަށް ހުށަހެޅި މި މައްސަލައިގައި ބިދޭސީން ދިރިއުޅުނު ތަނުގެ ގާނޫނީ ހާލަތާ ގުޅޭ ގިނަ ކަންތައްތަކެއް ސާފުކުރަން ވަނީ އެދިފައެވެ. އޭގެ ތެރޭގައި އެއީ ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ގާނޫނާ އެއްގޮތަށް ދީފައިވާ ތަނެއްތޯ އާއި، "އެކްސްޕެޓްރިއޭޓް އެކޮމޮޑޭޝަން" ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްތޯ ބެލުން ހިމެނެއެވެ. މީގެ އިތުރުން ނިޔާވި މީހުންގެ ވޯކްޕާމިޓްގެ ސައްހަކަމާއި، އެކޮމޮޑޭޝަންގެ މިންގަނޑުތަކަށް ސަމާލުކަން ދީފައިވޭތޯ ބެލުމަށްވެސް ވަނީ އެދިފައެވެ.
މެންބަރުގެ ސިޓީގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އިން މިފަދަ ތަންތަން ބެލުމުގައި ގެންގުޅޭ އުސޫލުތަކާއި، ފުލުހުންގެ ތަހުގީގުން ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެވިފައިވޭތޯ ސާފުކުރުމަށް ވަނީ ހުށަހަޅާފައެވެ. އަދި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްނަމަ އެޅި ފިޔަވަޅުތަކާއި، ރަށު ކައުންސިލުން އެ އިމާރާތުގައި މީހުން އުޅުމުގެ ހުއްދަ ދީފައިވާ ގޮތުގެ މައުލޫމާތު ހޯދުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
ގާތްގަނޑަކަށް 30 އެއްހާ ބިދޭސީން އުޅުނު އެ އިމާރާތުގައި އަލިފާން ރޯވީ ގޭސް ލީކުވުމުގެ ސަބަބުން ކަމަށް ބެލެވުނު ނަމަވެސް، މިހާތަނަށް ސަރުކާރުގެ ރަސްމީ އިދާރާއަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، އަލިފާންގަނޑު ކޮންޓްރޯލް ނުވެގެން މީހުން ސަލާމަތް ކުރަން ޖެހުނީ ގޭގެ ފަހަތު ފާރު ތަޅާލައިގެންނެވެ.