ޚަބަރު
އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓާސް ލިސްޓު ޢާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އީސީން ހުޅުވާލައިފި
ކުރީގެ އިންތިޚާބެއްގެ ވޯޓާސް ލިސްޓް/ފޮޓޯ: އީސީ
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓާސް ލިސްޓު ޢާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އިންތިޚބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އަށް އިތުރުވާ މީހުންގެ ލިސްޓު މިހާރު ސަރުކާރުގެ ގެޒެޓާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ޢާންމުކޮށްފައިވާ ކަމަށެވެ. ހަމަ އެހެންމެ، ލިސްޓުގައި ނަން އޮތްތޯ ބަަލަން ބޭނުންނަމަ، (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ވެސް ބެލޭނެކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.
މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ މިއަދު ހެނދުނު 10:00 ގައެވެ. ޝަކުވާ ހުށަހަޅާނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަނުގެ މައިޕޯޓަލް މެދުވެރިކޮށް ކަމަށާއި، ރަޖިސްޓަރީގައި ހިމެނިފައިވާ މަޢުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެކަމަށާއި، އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ.
އިލެކްޝަންސް ކޮމިޝަނުން އިތުރަށް ވިދާޅުވީ، ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރު ބުރުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގެ ގޮތުގައި ބަލާނީ، 2026 އެޕްރީލް 4 ވީ ހޮނިހިރު ދުވަހު ބޭއްވުނު އިންތިޚާބުގައި އިތުރު ބުރު ބާއްވާ ދާއިރާތަކުގެ ފައިނަލް ލިސްޓުގައިވާ ފަރާތްތަކާއި، 18 އަހަރު ފުރުމުން ލިސްޓަށް އަލަށް އިތުރުވި ފަރާތްތައް ކަމަށެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އަދި އަންހެނުންގެ ކޮމިޓީގެ އިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ ބަޔަކު ވޯޓުލި އިންތިޚާބެވެ. އެގޮތުން 215،346 މީހުން މި އިންތިޚާބުގައި ވޯޓުލާފައިވާއިރު މިއީ ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ 73 އިންސައްތައަށްވުރެ އިތުރު ޢަދަދެއްކަން ފާހަގަކޮށްލެވެއެވެ.