ޚަބަރު
ޤައުމީ ސަލާމަތް ރައްކާތެރިކުރުމުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
ބައްދަލުކުރެއްވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ޤައުމީ ސަލާމަތް ރައްކާތެރިކުރުމުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާކޮށްފައިވަނީ ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.
މި މަޝްވަރާގެ ބައްދަލުވުމުގައި ވަނީ ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ވަކިން ޚާއްޞަކޮށް ޤައުމީ ސަލާމަތް ރައްކާތެރިކުރުމުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. ހަމަ އެހެންމެ، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާއި، މައުލޫމާތު ބަދަލުކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ދާއިރާއާ ގުޅުންހުރި ތައުލީމީ އަދި ތަމްރީނު ފުރުޞަތުތައް ފަހިކުރުމާ ބެހޭގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވިއެވެ.
މީގެ އިތުރުން، އަލަށް ކުރިމަތިވަމުންދާ ސަލާމަތީ ނުރައްކާތަކުން ރައްކާތެރިވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މި އިހުތިރާމުގެ ޒިޔާރަތަކީ އަލަށް އައްޔަންކުރެވުނު ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި ތައާރަފުވުމުގެ ގޮތުން ކުރެއްވި ޒިޔާރަތެކެވެ. މި ބައްދަލުވުމުގައި، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރެއްވިއެވެ.