ޚަބަރު
ސޮނޭވާ ޖާނީ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ސޮނޭވާ ޖާނީގައި އަލިފާނުގެ ހާދިސާއެއް ހިނގުން. ފޮޓޯ: އެމްވީ ކްރައިސިސް
ނ. އަތޮޅުގައި ހިންގަމުން އަންނަ މަޝްހޫރު ސޮނޭވާ ޖާނީ ރިސޯޓުގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ސޮނޭވާ ޖާނީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން މިހާރު އެ ސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، އަލިފާން ރޯވެފައިވަނީ އެ ރިސޯޓުގެ ވިލާއެއްގައެވެ. އަދި އެ ވިލާއިން ބޮޑު ސަރަހައްދެއްގައި އަލިފާން ރޯވެ، ދުން އަރަމުންދާ މަންޒަރު ފެނެއެވެ. އެހެންނަމަވެސް، މިއީ ސީދާ ކޮން ތަނެއްގައި ހިނގި ހާދިސާއެއްކަން ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވިދާޅުވީ، އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް ލިބެމުންދާ މިންވަރަކުން އާންމުންނާ ހިއްސާކުރަމުންދާނެ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.