ޚަބަރު
ހުޅުމާލޭގައި ބިނާކުރާ ބޮޑު މިސްކިތާއި ގުޅޭގޮތުން އެޗްޑީސީގެ އެމްޑީއާއެކު މަޝްވަރާތަކެއް!
މަޝްވަރާ ބައްދަލުވުން/ފޮޓޯ:ވުޒާރާ
ހުޅުމާލޭގައި ބިނާކުރާ ބޮޑު މިސްކިތާއި ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރާއި ބައްދަލު ކުރައްވާ، އެ މަޝްރޫޢުއާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.
މިއަދު ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ މައި އޮފީހުގައި ކުރިއަށް ގެންދެވުނު މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންނާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ މަޝްރޫޢުއަށް ފައިނޭންސް ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އަލްރަޖްޙީ ކުންފުންޏާއެކު މިހާރު ވަނީ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ. ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި މި ބޮޑު މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު އާއި ބައްދަލު ކުރެއްވުން. pic.twitter.com/MUbr7lhxLe
— Ministry of Islamic Affairs (@MVIaffairs) April 12, 2026
މި މިސްކިތް ބިނާކުރާނީ އެ ކޮމްޕްލެކްސްގައި ވަޤުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގއާއި ޕާކިންވެސް ހިމެނޭހެންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވާއިރު، ވަޤުފު ޢިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމު ކަންކަން ވެސް މި މިސްކިތުގައި ހިމެނޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާއިރު، މި މިސްކިތް ބިނާކުރެވިގެންދާނީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ގެ ދެމެދުގައެވެ.