ޚަބަރު
ޝެޑިއުލް ކުރެވިފައިވާ ގޮތަށް ތެލާއި ގޭސް އެތެރެކޮށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ: ވަޒީރު ޒަމީރު
މާލީ ވަޒީރު މޫސާ ޒަމީރު
ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް އެތެރެކޮށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން މާލީ ވަޒީރު މޫސާ ޒަމީރު ދެއްވައިފިއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ކްރައިސިސް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ޒަމީރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަދި ދަށްނުވި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ. ޚާއްޞަކޮށް މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތު ބޮޑުވެގެން ދިއުމާ ގުޅިގެން، ކުރިން ޝެޑިއުލް ކުރި މިންވަރަށްވުރެ އިތުރަށްވެސް މިހާރު ތެޔޮ އެތެރެކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތެޔޮ އެތެރެކުރުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާރުވެސް ތެޔޮ ގެންނަނީ ކުރިންވެސް އޮންނަ އުސޫލުން އޮމާން މެދުވެރިކޮށް ކަމަށެވެ. ނަމަވެސް އިތުރު ރައްކާތެރިކަމެއްގެ ގޮތުން ސްޕޮޓުން ތެޔޮ ގަނެވޭނެ އިންތިޒާމުތައް ސިންގަޕޫރުން މިހާރު ހަމަޖައްސާފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ބާޒާރުގެ އަގުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، "ހަފްތާ ބަންދާ ދިމާކޮށް ޞުލްޙައިގެ ވާހަކަތަކާ ހަމައަށް ދިޔައިރު ކްރޫޑްގެ އަގަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައި، ނަމަވެސް ސާފުކުރި ތެލުގެ އަގަކަށް އެއްވެސް ކަހަލަ ހެޔޮ ބަދަލެއް އައިސްފައެއް ނުވޭ،" ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ހޯމަ ދުވަހާ ހަމައަށް ދާއިރު ސާފުކުރި ތެލުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ އިރުޝާދުގެ ދަށުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ހަމައެކަނި ފަންޑެޑް ދަތުރުތައް ކުރުމަށް ބާރުއަޅަމުންދާ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކަށްވެސް ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް މިހާރު އަންގާފައިވާ ކަމަށް ވަޒީރު ޒަމީރު ވިދާޅުވިއެވެ. ސަރުކާރުން ނިންމާފައިވަނީ ކޮންމެހެން ކުރަންޖެހޭ ޚަރަދެއް ނޫނީ މިވަގުތު ނުކޮށް ކުރިއަށް ދިއުމަށެވެ.