ޚަބަރު
ރައީސް އޮފީހުގެ ވަޒީރު ޢަލީ ޢާރިފް މަޤާމުން އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ވަޒީރުގެ މަޤާމުގައި ހުންނެވި ޢަލީ ޢާރިފް.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރުގެ ފެންވަރުގައި ހުންނެވި ޢަލީ ޢާރިފް މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޢަލީ ޢާރިފް މަޤާމުން އިސްތިއުފާ ދެއްވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އޭނާ މަޤާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
ޢަލީ ޢާރިފް އަދާކުރައްވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމެވެ. އޭނާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ރައީސް އޮފީހަށް ވަޒީރުންގެ ފެންވަރުގައި އައްޔަންކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ޢަލީ ޢާރިފަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.