ދުނިޔެ
އޮސްޓްރޭލިއާގެ ސިފައިންގެ އެންމެ އިސްވެރިޔަކަށް ފުރަތަމަ ފަހަރަށް އަންހެނަކު އައްޔަންކޮށްފި
ލެފްޓިނަންޓް ޖެނެރަލް ސޫޒަން ކޮއިލް
އޮސްޓްރޭލިއާގެ 125 އަހަރުވީ އަސްކަރީ ތާރީޚުގައި ފުރަތަމަ ފަހަރަށް، އެ ޤައުމުގެ ސިފައިންގެ (އާމީ) އެންމެ އިސްވެރިޔާގެ މަޤާމަށް އަންހެން ބޭފުޅަކު އައްޔަންކޮށްފިއެވެ.
އޮސްޓްރޭލިއާ ސަރުކާރުން އިޢުލާންކުރި ގޮތުގައި، މި ތާރީޚީ މަޤާމަށް އައްޔަންކުރައްވާފައިވަނީ ލެފްޓިނަންޓް ޖެނެރަލް ސޫޒަން ކޮއިލް އެވެ. މިހާރު ޗީފް އޮފް ޖޮއިންޓް ކޭޕަބިލިޓީޒްގެ މަޤާމުގައި ހުންނެވި ކޮއިލް، ސިފައިންގެ އެންމެ އިސްވެރިޔާގެ މަޤާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ އަންނަ ޖުލައި މަހުގައެވެ. އޭނާ މި މަޤާމަށް ވަޑައިގަންނަވަނީ މިހާރު އެ މަޤާމުގައި ހުންނެވި ލެފްޓިނަންޓް ޖެނެރަލް ސައިމަން ސްޓުއާޓްގެ ބަދަލުގައެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީޒް މި ނިންމެވުމާ ގުޅޭގޮތުން ވިދާޅުވީ، މިއީ އޮސްޓްރޭލިއާގެ އަސްކަރިއްޔާ އުފެދުނީއްސުރެ މިހާތަނަށް އައި އިރު ހާސިލުކުރެވުނު ވަރަށް މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި ޑިފެންސް މިނިސްޓަރ ރިޗަޑް މާލްސް ސިފަކުރެއްވި ގޮތުގައި މިއީ އިންތިހާއަށް ތާރީޚީ ވަގުތުކޮޅެކެވެ. ކޮއިލްގެ ލީޑަރޝިޕްގެ ސަބަބުން، މިހާރު އަސްކަރިއްޔާގައި ހަރަކާތްތެރިވާ އަންހެނުންނަށާއި، އަސްކަރިއްޔާއާ ގުޅެން ބޭނުންވާ އަންހެނުންނަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޢުމުރުން 55 އަހަރުގެ ކޮއިލް އަސްކަރިއްޔާއާ ގުޅިވަޑައިގަތީ 1987 ވަނަ އަހަރުގައެވެ. އޭނާ ވަނީ އޭނާގެ ދިގު ޚިދުމަތުގައި އަސްކަރިއްޔާގެ އިސް އެތައް މަޤާމުތަކެއް ފުރުއްވާފައެވެ. މާލްސް ފާހަގަކުރެއްވި ގޮތުގައި، ކޮއިލް ވެގެންދާނީ އޮސްޓްރޭލިއާގެ ޑިފެންސް ފޯސްގެ އެއްވެސް ގޯތްޕެއްގެ އެންމެ އިސްވެރިޔާގެ މަޤާމު ފުރުއްވާ ފުރަތަމަ އަންހެން ބޭފުޅާއަށެވެ.
ކޮއިލް މި މަޤާމަށް އައްޔަންކުރެވިފައި މިވަނީ، އޮސްޓްރޭލިއާގެ އަސްކަރިއްޔާގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށާއި، އަސްކަރިއްޔާގެ ތެރޭގައި ކުރިމަތިވާ ޖިންސީ ފުރައްސާރައާއި ތަފާތުކުރުންތަކުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިހާރު އޮސްޓްރޭލިއާގެ އަސްކަރިއްޔާގައި އަންހެނުންގެ ނިސްބަތަކީ 21 އިންސައްތައެވެ. އަދި އިސް މަޤާމުތަކުގައި ތިއްބެވީ 18.5 އިންސައްތަ އަންހެނުންނެވެ. އަސްކަރިއްޔާގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް އަންހެނުންގެ ބައިވެރިވުން 25 އިންސައްތައަށް އިތުރުކުރުމެވެ.
މީގެ އިތުރުން، އޮސްޓްރޭލިއާގެ އަސްކަރީ ލީޑަރޝިޕަށް އިތުރު ބަދަލުތަކެއް ވެސް ވަނީ ގެނެސްފައެވެ. އެގޮތުން، ނޭވީގެ މިހާރުގެ ވެރިޔާ ވައިސް އެޑްމިރަލް މާކް ހެމަންޑް ވަނީ ޑިފެންސް ފޯސްގެ އައު ވެރިޔާގެ މަޤާމަށް އައްޔަންކުރައްވާފައެވެ. އަދި ނޭވީގެ އައު ވެރިޔަކަށް އައްޔަންކުރައްވާފައިވަނީ ރިއަރ އެޑްމިރަލް މެތިއު ބަކްލީ އެވެ.