ޚަބަރު
އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 45.3 މިލިއަން ރުފިޔާ ލިބިފައިވޭ
ޒަކާތް ބަލައިގަތުން
މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 45.3 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވުމެކެވެ.
މީރާއިން އާންމުކޮށްފައިވާ މާރިޗު މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހު އެކަނިވެސް މުދަލު ޒަކާތުގެ ގޮތުގައި 27,420,050 ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހު ލިބުނު 23,591,401 ރުފިޔާއާ އަޅާބަލާއިރު 16.2 އިންސައްތަ އިތުރު އަދަދެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ޖުމްލަ 45,329,119 ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 34,852,418 ރުފިޔާއެވެ. އެހެންކަމުން މިއަހަރު ލިބުނު އާމްދަނީ ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ.
މުދަލު ޒަކާތުގެ ނިޞާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު 21 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނި ގޮތުގައި، މިހާރު ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 19,527.90 ރުފިޔާއެވެ. މީގެ ކުރިން ނިޞާބުގެ ގޮތުގައި ކަނޑައަޅާފައި އޮތީ 11,191.95 ރުފިޔާއެވެ.
ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަތުމުގެ މަސައްކަތް މީރާއިން ކުރަމުންދާއިރު، އެ އޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކޮންމެ މީހަކަށްވެސް އެމީހެއްގެ މުދަލުން ޒަކާތް ދައްކަންޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.