ޚަބަރު
މާލޭގެ އިމާރާތެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓުނު ބިދޭސީ މީހާ މަރުވެއްޖެ
އައިޖީއެމްއެޗް/ފޮޓޯ: ސަން އެމްވީ
މިހިނގާ އޭޕްރީލް މަހުގެ 9 ވަނަ ދުވަހު، މާލޭގެ އިމާރާތެއްގެ 10 ވަނަ ފަންގިފިލާއިން، ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ބިދޭސީ މީހާ މަރުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މީގެ ކުރިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މާފަންނު ސަބުދެލި މަގުގައި ހުންނަ މި އިމާރާތުން ވެއްޓިފައި ވަނީ ބަނގުލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އަދި މި މައްސަލައިގެ ރިޕޯޓު އެދުވަހުގެ އިރުއޮއްސި 18:20 ހާއިރު ފުލުހުންނަށް ލިބިފައިވާއިރު، އެމީހާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން އޭރު ވިދާޅުވިއެވެ.
ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހާދިސާގައި އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިމަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަޤުތެއްގައި މަރުވެފައިވާ ކަމަށެވެ.
ހަމަ އެއާއެކު، މި މައްސަލަ އިތުރަށް ތަޙުޤީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.