ޚަބަރު
ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިަސް
ސުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެން ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
މި އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 06 ވާ ހޮނިހިރު ދުވަހުއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، 2024 ވަނަ އަހަރު އެ ދާއިރާއަށް އިންތިޚާބުވި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަން ސާބިތުވާތީ، އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. އެހެންކަމުން، ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށްޓަކައި ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ތާވަލުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ބައި-އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 29 ވާ ބުދަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. ކެންޑިޑެސީ ފޯމު [email protected] މެދުވެރިކޮށް އީމެއިލުން ނުވަތަ ކޮމިޝަނުގެ މައި އިދާރާއަށް ހާޒިރުވެގެން ހުށަހެޅޭނެއެވެ. ކޮމިޝަނަށް ހާޒިރުވެ ފޯމު ހުށަހަޅަނީ ކެންޑިޑޭޓު ނޫން އެހެން ފަރާތެއްނަމަ، އެފަރާތެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ގެންދަންޖެހޭނެއެވެ.
މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ޖޫން 6 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 8 ވާ ހޯމަ ދުވަހު ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ. ކޮންމެ ކެންޑިޑޭޓަކުވެސް ކުރިމަތިލުމުގެ ކުރިން ޤާނޫނީ ޝަރުތު ހަމަވާ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަން ޖެހޭނެއެވެ.
ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކާއި ހުރަސްތައް
މަޖިލިސް މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެހި ރައްޔިތަކަށްވުމާއި، ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުމުގެ އިތުރުން މުސްލިމަކަށްވެފައި ސުންނަތް ޖަމާއަތުގެ މީހަކަށް ވާންޖެހެއެވެ. އަދި އުމުރުން 18 އަހަރު ފުރިފައިވާ ބުއްދި ހަމައަށް ހުރި މީހަކަށް ވާންޖެހޭނެއެވެ. ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ، އިންތިޚާބަށް ކުރިމަތިލެވޭނީ ރައްޔިތަކަށްވީތާ 5 އަހަރު ފުރުމަށްފަހުއެވެ.
އިންތިޚާބުގައި ވާދަނުކުރެވޭނެ ހާލަތްތަކުގެ ތެރޭގައި ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ދަރަނި އަދާނުކުރުމާއި، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން ހިމެނެއެވެ. މީގެ އިތުރުން ޖިނާއީ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބު މައާފްކުރެވުނުތާ 3 އަހަރު ނުވާ މީހުންނާއި ފަނޑިޔާރުންނަށްވެސް މި އިންތިޚާބުގައި ވާދައެއް ނުކުރެވޭނެއެވެ.