ޚަބަރު
ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "ރައްކާ ރޯޑް ޝޯ" ރ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެ
މީގެކުރިން ށ. އަތޮޅުގައި ރައްކާ ރޯޑްޝޯ ބޭއްވުން/ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "ރައްކާ ރޯޑް ޝޯ" ރ. އަތޮޅުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޢާންމުން ހޭލުންތެރިކުރުވައި، މަގުމަތީގެ އަދަބުތަކަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އަހަރުގެ ރޯޑްޝޯ ކުރިއަށްދާނީ 2026 އޭޕްރީލް 17 އިން އެމަހުގެ 27 ގެ ނިޔަލަށް ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި އެ އަތޮޅުގެ ރަށްތަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާއިރު، މި ޕްރޮގްރާމަކީ އާންމުންގެ ބައިވެރިވުމާއެކު މަގުމަތީގެ ރައްކާތެރިކަމާ މެދު މުޖުތަމަޢު ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
"ރައްކާ ރޯޑްޝޯ" ގެ ތެރެއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ރޯޑް ސޭފްޓީ ވޯކް އާއި، ޓީމް ބިލްޑިންގ ހަރަކާތްތަކާއި، "ބީޗް ބްލާސްޓް" އިވެންޓްތަކާއި، ކުއިޒް މުބާރާތްތަކުގެ އިތުރުން ވޮލީ އަދި ފުޓްސަލް މުބާރާތްތައް ހިމެނެއެވެ. މީގެ އިތުރުން، ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ "ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް" އާއި "ފަހިރާސްތާ" ޕްރޮގްރާމްވެސް ކުރިއަށްދާއިރު، މި ހަރަކާތްތަކަކީ ދަރިވަރުންނާއި، ޑްރައިވަރުންނާއި، ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކެކެވެ.

މި ހަރަކާތްތަކުގެ އިތުރުން، މަގުމަތީގެ ޤަވާއިދުތަކަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢާންމުން އަހުލުވެރިކުރުވުމަށް ޚާއްޞަ ސެޝަންތަކެއް ކުރިއަށް ގެންދާނެއެވެ. އަދި މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ބިލްބޯޑްތައް އެކި ރަށްތަކުގައި އިފްތިތާހުކުރެވޭނެއެވެ. މި ރޯޑްޝޯ ކުރިއަށް ދަނީ "ރަނގަޅުކޮށްލާ" މި ޝިއާރުގެ ދަށުންނެވެ. މިއީ އެކްސިޑެންޓްތައް މަދުކޮށް، ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގާ ކެމްޕޭނެއްކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ، ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޑިޕާޓްމަންޓުން އިސްނަގައިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ކައުންސިލްތަކާއި އަދި އަމިއްލަ ކުންފުނިތަކާ ގުޅިގެން ހިންގާ ހަރަކާތެކެވެ.