ޚަބަރު
ވޭޕް ބޭނުންކުރުމާއި ގެންގުޅުމުގެ ކުށުގައި މިދޔަ މަހު 407،000 ރުފިޔާގެ ޖޫރިމަނާކޮށްފި
ވޭޕް ކާޓްރިޖް/ފޮޓޯ: ދާޚިލީ ވުޒާރާ
ވޭޕް ބޭނުންކުރުމާއި ގެންގުޅުމުގެ ކުށުގައި މިދޔަ މަހު އެކަނިވެސް 407،000 ރުފިޔާގެ ޖޫރިމަނާކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވިދާޅުވީ، ނިމިދިޔަ މަހު ވޭޕްކުރުމާއި އެފަދަ ތަކެތި ގެންގުޅުމާއި ގުޅޭ 20 މައްސަލައެއް ބަލާފައިވާއިރު، މި މައްސަަލަތަކުގައި 82 މީހަކު ހިމެނޭ ކަމަށާއި، އެ މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އެގޮތުން، ވޭޕާއި އީ-ސިނގިރޭޓު ގެންގުޅުނު 7 މައްސަލަކާއި، ވޭޕާއި އީ-ސިނގިރޭޓު ބޭނުންކުރި 9 މައްސަލައެއްގެ އިތުރުން، ވޭޕްގެ ވިޔަފާރި ކުރި 1 މައްސަލައާއި، ވޭޕާއި ގުޅޭ އެހެން 3 މައްސަލައެއް މިދިޔަ މަހު ފުލުހުންގެ ޚިދުމަތުން ވަނީ ތަޙުޤީގުކޮށްފަ އެވެ. އަދި މި މައްސަލަތަކުގެ ތެރެއިން ވޭޕް ބޭނުންކޮށްގެން 52 މީހަކު ޖޫރިމަނާކުރި އިރު ވޭޕް ގެންގުޅެގެން 30 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. ހަމަ އެއާއެކު، ވޭޕް ބޭނުންކޮށްގެން 269،000 ރުފިޔާގެ ޖޫރިމަނާ ކުރި އިރު ވޭޕް ގެންގުޅެގެން 138،000 ރުފިޔާގެ ޖޫރިމަނާ ވަނީ ކޮށްފައެވެ.

ރާއްޖޭގައި ވޭޕް ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުން މަނާކޮށް، ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނަށް ހުށަހެޅި އިޞްލާޙުގައިވާގޮތުން، އެ ޤާނޫނާ ޚިލާފުވެއްޖެ ނަމަ ބޮޑު ޖޫރިމަނާއެއް ދައްކަންޖެހޭއެވެ.
ފުލުހުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙަށް އެންމެން ވެސް ފުރިހަމައަށް ޢަމަލުކުރުމަށާއި ޤާނޫނު ތަންފީޒްކުރުމުގައި ފުލުހުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.