ޚަބަރު
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޕްރައިމަރީއަށް ޕީއެންސީން ހުޅުވާލައިފި
ރައްޔިތުންގެ މަޖިލިސް. ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފިއެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ މި ބައި-އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް ޝައުގުވެރިވާ މެންބަރުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 19 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް އޮންނާނެ ކަމަށެވެ. ޕްރައިމަރީއަށް ކުރިމަތިލާ ފަރާތްތަކުން ޕާޓީގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ އިތުރުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށް ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.
ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި، ޕްރައިމަރީ ބާއްވާނީ ޝަރުތު ފުރިހަމަވާ އަދި ޕާޓީގެ އިންތިޚާބުތަކާބެހޭ ޓެކްނިކަލް ކޮމިޓީން ބަލާ މިންގަނޑުތަކަށް ފެތޭ އެކަކަށްވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ނަމައެވެ. ޕްރައިމަރީ ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ޕީއެންސީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށާއި، މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެންބަރަކަށްވުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. ސިނާން އަކީ ޕީއެންސީގެ ޓިކެޓުގައި އެ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅެކެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ ރަސްމީ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށެވެ.