ޚަބަރު
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މީހަކު ހޯދަން ޢިޢުލާނުކޮށްފި
ހޯދަމުންދާ މީހާ/ފޮޓޯ: ފުލުހުން
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މީހަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާންކޮށްފި އެވެ.
މި މައްސަލައިގައި ހިމެނޭ ފިރިހެން މީހާގެ ވީޑިއޯ ފުލުހުން ޢާންމުކޮށްފައިވާއިރު، މި ވީޑިއޯގައި އޭނާ ގެއެއްގެ ލިފްޓެއް ބޭނުންކުރާ މަންޒަރު ދައްކުވައިދެއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، އެ ވީޑިއޯ އިން ފެންނަ މީހާއަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނުން ތަޙުޤީގު ކުރަމުންދާ، ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ މިހާތަނަށް ހޯދިފައިނުވާ މީހެއް ކަމަށެވެ.
އެހެންކަމުން، އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގެޝަންގެ ނަންބަރު 9393351 ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
މީގެ އިތުރުން، މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އެކަމަށް ޝުކުރު ދަންނަވާފައެވެ.