ޚަބަރު
ސިވިލް ސާވެންޓުންގެ ތެރެއިން ކުދިން ފޯސްޓަރ ކުރާ މުވައްޒިފުންނަށް ޚާއްސަ ޗުއްޓީ ދޭގޮތަށް ޤަވާއިދު އިސްލާޙްކޮށްފި
ކުދިން ފޯސްޓާކުރާ ސިވިލްސާވަންޓުންނަށް ޚާއްސަ ޗުއްޓީ ދޭގޮތަށް ޤަވާއިދު އިސްލާހުކޮށްފި
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތުކުދިންގެ ޤާނޫނީ ބެލެނިވެރިކަމާ ހަވާލުވާ ސިވިލް ސާވެންޓުންނަށް ޚާއްޞަ ޗުއްޓީއެއް ދޭ ގޮތަށް ސިވިލް ސަރވިސް ޤަވާއިދަށް ބަދަލު ގެނެސް، އެ ޤަވާއިދު އިސްލާހުކޮށްފިއެވެ.
މި ބަދަލަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އާއިލީ މާހައުލެއްގައި ބޮޑުވުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ނިންމެވި ނިންމެވުމެކެވެ.
މިފަދަ ޗުއްޓީއެއް ދޭން ނިންމާފައިވާކަން އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ހާމަކުރެއްވީ މިދިޔަ މާރިޗު މަހުގެ 25 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މި މަހުން ފެށިގެން ކުދިން ފޯސްޓަރ ކުރާ ސިވިލް ސަރވިސް މުވައްޒިފުންނަށް މި ޗުއްޓީގެ ފުރުސަތު ލިބިގެންދާނެއެވެ.
ސިވިލް ސަރވިސް ޤަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، ކުއްޖާއާ ހަވާލުވާ އިރު އެ ކުއްޖާގެ އުމުރުން 6 މަސްދުވަސް ނުފުރޭ ނަމަ، ކުއްޖާގެ އުމުރުން 6 މަސްދުވަސް ހަމަވާ ތާރީޚާ ހަމަޔަށް މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް ޚާއްޞަ ޗުއްޓީއެއް މުވައްޒިފަށް ލިބޭނެއެވެ. މިއީ ވިހެއުމާ ގުޅިގެން ލިބޭ މެޓާނިޓީ ލީވްއާ އެއްގޮތް އުސޫލަކުން ދެވޭ ޗުއްޓީއެކެވެ.
މީގެ އިތުރުން، ކުއްޖާއާ ހަވާލުވާ އިރު ކުއްޖާގެ އުމުރުން 6 މަސްދުވަސް ފުރިފައިވާ ނަމަ، ނުވަތަ 6 މަސްދުވަސް ފުރެން 30 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ކުދިން ފޯސްޓަރ ކުރާ އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ އިތުރު ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އެގޮތުން، ކުދިން ފޯސްޓަރ ކުރާ އާއިލާތަކުގެ ތެރެއިން މާލީ ގޮތުން ދަތިކަން ހުރި އާއިލާތަކަށް، ދައުލަތުގެ ފަރާތުން ކޮންމެ ކުއްޖަކަށް މަހަކު 5000 ރުފިޔާގެ ޚާއްސަ އެލަވަންސްއެއް ދޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.
މި ނިންމުންތަކުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އޯގާތެރި އާއިލީ މާހައުލެއް ހޯދައިދިނުމަށް މަސައްކަތްކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބި، ގިނަ ކުދިންނަށް އާއިލީ ލޯބި ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.