ޚަބަރު
އެޗްޕީއޭގެ ހުސްވެފައިވާ ޑިރެކްޓަރު ޖެނެރަލްގެ މަޤާމަށް ނިޝާން ޢައްޔަނުކޮށްފި
ނިޝާން އަޙްމަދު--
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހުސްވެފައިވާ ޑިރެކްޓަރު ޖެނެރަލްގެ މަޤާމަށް، އެ އެޖެންސީގެ ޑެޕިޔުޓީ ޑިރެކްޓަރު ޖެނެރަލްގެ މަޤާމުގައި ހުންނެވި ނިޝާން އަޙްމަދު ޢައްޔަންކުރައްވައިފި އެވެ.
ނިޝާން އަޙްމަދު މިއަދު އެ މަޤާމަށް ޢައްޔަނުކުރައްވާފައި ވަނީ، އެ މަޤާމުގައި ކުރިން ހުންނެވި މައިމޫނާ އަބޫބަކުރު މިދިޔަ ޖަނަވަރީ މަހު ރިޓަޔާރ ކުރެއްވުމާއި ގުޅިގެންނެވެ.
މައިމޫނާ ރިޓަޔަރކުރެއްވުމާއި ގުޅިގެން އެ މަޤާމަށް ކުރިމަތިލުމަށް އިޢުލާންކޮށްފައިވާއިރު، ނިޝާން ހިމެނޭހެން އިތުރު ބޭފުޅުންތަކެއް ވެސް ވަނީ އެ މަޤާމަށް ކުރިމަތިލައްވާފަ އެވެ. ނަމަވެސް، ނިޝާން އެ މަޤާމަށް ހޮވިވަޑައިގެންނެވީ، މަޤާމަށް ޝަރުތުހަމާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ނެގި އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވެ. އެ މަޤާމަށް ހޮވުމުން ނިޝާނަށް މުސާރަ އާއި އެލަވެންސްގެ ގޮތުގައި 40،000 އަށްވުރެ ބޮޑު މުސާރައެއް ލިބޭނެއެވެ.
މީގެ ކުރިން އެ މަޤާމުގައި ހުންނެވި މައިމޫނާ އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލްގެ މަޤާމަށް ޢައްޔަނުކުރެއްވީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހުއެވެ.