ޚަބަރު
ބޮޑު ތަކުރުފާނު މަގުހެދުން: ސެގްމެންޓް 5ގެ ދުވާރުގައި ފެން ހިންދާ ނިޒާމް ގާއިމްކޮށްފި
ބޮޑުތަކުރުފާނު މަގުހެދުން. ފޮޓޯ: އެމްޓީސީސީ
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން، ފަސްވަނަ ސެގްމަންޓުގެ ދުވާރުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަޝްރޫއަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރުއެޅުމުގެ އިތުރުން، ފެނާއި ނަރުދަމާގެ ނެޓްވޯކް އަޕްގްރޭޑް ކުރުމާއި، ޕޭވްމަންޓް ހެދުމާއި އަދި މަގުބައްތި ހަރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
މި މަސައްކަތާ ގުޅޭގޮތުން އެމްޑަބްލިއުއެސްސީން ހާމަކޮށްފައިވާ ގޮތުގައި، ސެގްމެންޓް ފަހެއްގެ ނަރުދަމާ އާއި ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ވެލްޑިންގްގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން، ނަރުދަމާގެ އާ ގްރެވިޓީ ޕައިޕްލައިން އެޅުމުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫއުގެ ތިންވަނަ ބައިގެ ދަށުން މަސައްކަތް ކުރިއަށްދަނީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 700 މީޓަރުގެ ސަރަހައްދެއްގައެވެ. މީގެ ތެރޭގައި ފޭސް 1ގެ ސެގްމަންޓް 2 އިން ފެށިގެން 5 އާ ހަމައަށް ހިމެނޭއިރު، މުޅި މަޝްރޫއުގެ ދަށުން 610 މީޓަރުގެ އެއްގަމު ތޮށި އައުކޮށް ތަރައްގީކުރުންވެސް ހިމެނެއެވެ.
އެމްޑަބްލިއުއެސްސީން ވިދާޅުވި ގޮތުގައި، މި މަޝްރޫއު ނިމުމުން މާލޭގެ އުތުރު ފަރާތުގެ ފެނާއި ނަރުދަމާގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މިހާރަށްވުރެ ބޮޑަށް ރަނގަޅުވެގެންދާނެއެވެ. މިއީ މާލޭގެ އުމްރާނީ ތަރައްގީއަށް ސަރުކާރުން ދެއްވާ އިސްކަމުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.