Ads by Farudhun

ޚަބަރު

މިދިޔަ މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް 351 މިލިޔަން ރުފިޔާ ލިބިފައިވޭ

މިދިޔަ މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް 351 މިލިޔަން ރުފިޔާ ލިބިފައިވޭ

އެމްޕީއެލް ސަރަަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޭޕްރީލު 2026، 05:06

14 އޭޕްރީލު 2026، 05:06

ނިމިދިޔަ މާރިޗު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ރިޕޯޓްތަކަށް ބަލާއިރު، މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 351 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހު ލިބުނު 350 މިލިޔަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މާރިޗު މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަގު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު 5.7 ބިލިޔަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެތެރެކޮށްފައިވަނީ 4.4 ބިލިޔަން ރުފިޔާގެ މުދަލެވެ. ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، ޗައިނާ، އިންޑިއާ، ޔޫއޭއީ އަދި ސިންގަޕޫރުންނެވެ. މީގެ ތެރެއިން އޮމާނުން އެކަނިވެސް 1.3 ބިލިޔަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

އިމްޕޯޓްކުރި މުދަލުގެ ބާވަތްތައް
ރާއްޖެއަށް އެތެރެކުރި މުދަލުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ތެލުގެ ބާވަތްތަކެވެ. އެގޮތުން 1.60 ބިލިޔަން ރުފިޔާގެ ތެޔޮ ވަނީ އެތެރެކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ 1.05 ބިލިޔަން ރުފިޔާގެ ކާބޯތަކެތީގެ ބާވަތްތަކެވެ. އަދި ތިންވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ 959 މިލިޔަން ރުފިޔާގެ މެޝިނަރީއާއި މެކޭނިކަލް ސާމާނެވެ.

އެކްސްޕޯޓް އަދި އުޅަނދުފަހަރުގެ ހަރަކާތްތައް
މާރިޗު މަހުގެ ތެރޭގައި ރާއްޖެއިން 83 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މަހުގެ ބާވަތްތަކެވެ. އެގޮތުން 51 މިލިޔަން ރުފިޔާގެ ދަޅުމަހާއި 8 މިލިޔަން ރުފިޔާގެ ރޯމަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ އިނގިރޭސިވިލާތް، އިންޑިއާ، ޖަރުމަނުވިލާތް، ފްރަންސޭސިވިލާތް އަދި ކޮސްޓަރިކާއަށެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ރާއްޖެއަށް 168 އުޅަނދު އައިސްފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ރާއްޖެއިން 177 އުޅަނދު ފުރާފައިވާކަމަށްވެސް އެ އިދާރާގެ ހިސާބުތަކުން ދައްކައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450