ޚަބަރު
މަގު ކޮނުމުގެ މަސައްކަތްތައް ކުރިއަށްގެންދާއިރު، ބިމު އަޑިން އަޅާފައިވާ ކަރަންޓު ކޭބަލްތަކަށް ސަމާލުވުމަށް ސްޓެލްކޯއިން އެދެފި
ކަރަންޓު ކޭބަލް/ފޮޓޯ: ސްޓެލްކޯ
މަގު ކޮނުމުގެ މަސައްކަތްތައް ކުރިއަށްގެންދާއިރު، ބިމު އަޑިން އަޅާފައިވާ ކަރަންޓު ކޭބަލްތަކަށް ސަމާލުވުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން އެދެފިއެވެ.
ސްޓެލްކޯއިން މިފަދައިން ވިދާޅުވީ، މިދިޔަ އާދީއްތަ ދުވަހު ހުޅުމާލޭގެ ދެވަނަ ފިޔަވެއްސަށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ގެއްލުންވެ، ބައެއް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯ އިން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން އާދީއްތަ ދުވަހު ކަރަންޓުގެ ޚިދުމަތް މެދުކެނޑެން މެދުވެރިވީ، ދެވަނަ ފިޔަވަހީގައި ބަޔަކު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ. އެހެންކަމުން، މަގު ކޮނުމާއި، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާއިރު، ބިމު އަޑިން އަޅާފައިވާ ކަރަންޓު ކޭބަލްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އެދިލެއްވިއެވެ.
މީގެ އިތުރުން، މިފަދަ ހާދިސާތަކުގެ ސަބަބުން އެ ކުންފުންޏަށާއި ޢާންމު ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާއި ލިބޭ ގެއްލުންތަކުން ސަލާމަތްވުމަކީ ނުހަނު މުހިންމުކަމެއްކަން ސްޓެލްކޯއިން ފާހަގަކުރެއްވިއެވެ.
ސްޓެލްކޯ އިން ވަނީ، ހުރިހާ ފަރާތްތަކުން ވެސް މިފަދަ ކަންކަމަށް ފުރިހަމައަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރައްވާފަ އެވެ.