ޚަބަރު
ބައެއް މިނިސްޓަރުންގެ މަސްއޫލިއްޔަތުތަކަށް ބަދަލުގެންނަވައި އެ މިނިސްޓްރީތަކުގެ ނަމަށް ބަދަލުގެންނަވައިފި
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އަލްފާޟިލް މޫސާ ޒަމީރު / ފޮޓޯ: ޕީއެސްއެމް
ބައެއް މިނިސްޓަރުންގެ މަސްއޫލިއްޔަތުތަކަށް ބަދަލުގެންނަވައި އަދި އެ މިނިސްޓްރީތަކުގެ ނަމަށް ބަދަލުގެންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މި ބަދަލުތަކަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކާ ގުޅޭ ހެޔޮބަދަލުތަކެކެވެ. އެގޮތުން އެ މަނކިފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި 10 މިނިސްޓަރަކު މިއަދު އިސްތިއުފާވެސް ދެއްވާފައި ވެއެވެ.
ކެބިނެޓަށް ގެންނެވި ބަދަލުތަކާއެކު މިނިސްޓަރުން ހުވާކުރެއްވުމަށް މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި 12 ވަޒީރަކު ހުވާކުރައްވާފައިވެއެވެ. އަދި މިނިސްޓްރީތައް އެއްކުރެއްވުމުގެ ސަބަބުންނާއި ބައެއް މިނިސްޓްރީތަކުގެ މަސައްކަތް ވަކިކުރެއްވުމުގެ ސަބަބުން ކުރިން ކެބިނެޓުގައި ހިމެނިވަޑައިގެންނެވި 8 މިނިސްޓަރަކު ވަނީ އެބޭފުޅުންގެ ޒިންމާތައް ބަދަލުވުމާ ގުޅިގެން އަލުން ހުވާކުރައްވާފައެވެ.
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަލްފާޟިލް މުޙައްމަދު ސަޢީދު---
މަސްއޫލިއްޔަތު ބަދަލުވުމުގެ ސަބަބުން އަލަށް ހުވާކުރެއްވި މިނިސްޓަރުން:
- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އަލްފާޟިލް މޫސާ ޒަމީރު
- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލްފާޟިލް ޢަލީ އިޙްސާން
- މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ އިސްމާޢީލް ޝަފީޢު
- މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަލްފާޟިލް މުޙައްމަދު ސަޢީދު
- މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
- މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އަލްފާޟިލް މުޙައްމަދު އަމީން
- މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަލްފާޟިލް ޢަބްދުﷲ ރާފިޢު
- މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް
މި ވަޒީރުންނާއެކު ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ ކެބިނެޓަށް އަލަށް އައްޔަންކުރެއްވި ހަތަރު މިނިސްޓަރުންނާއި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއާއި އިތުރު ދެ ވުޒާރާއެއްގެ ވަޒީރުން ހިމެނޭހެން ޖުމުލަ 15 ބޭފުޅުންނެވެ.
ވަޒީރުންގެ މަޖިލީހަށް އަލަށް އައްޔަންކުރައްވާފައި ވަނީ، މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުގެ މަޤާމަށް އަލްފާޟިލާ ޙީނާ ވަލީދު އާއި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެނާރޖީގެ މަޤާމަށް އަލްފާޟިލް ޢަލީ ޝަރީފް އާއި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ މަޤާމަށް އަލްފާޟިލާ ޤީލާ ޢަލީ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާރޒްގެ މަޤާމަށް އަލްފާޟިލާ އިރުތިޝާމް އާދަމްއެވެ.