ޚަބަރު
މަސައްކަތް ކުރާނީ ރާއްޖޭގެ ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަކުރުމަށް: ވަޒީރު އިޙްސާން
ވަޒީރު އިޙްސާނު/ފޮޓޯ: ރައީސް އޮފީސް
މަސައްކަތް ކުރައްވާނީ ރާއްޖޭގެ ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަކުރުމަށާއި ދިވެހި މަސައްކަތްތެރިން ބާރުވެރިކޮށް ޙައްޤުތައް ހޯދައިދިނުމަށްކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރެއްވި 12 ވަޒީރުންގެ ތެރޭގައި އެމަނިކުފާނު ވެސް ހިމެނިވަޑައިގަތުމާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރުގެ ޕޯސްޓުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "ދާޚިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ" ވަޒީރުކަމަށް، އެމަނިކުފާނު ޢައްޔަންކުރެއްވުން ބަލައިގަންނަނީ ނުހަނު ފަޚުރުވެރިކަމާއި އުފަލާއެކުގައިކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، އެ ވުޒާރާގެ ޤާބިލު ހީވާގި ޓީމާއެކު ވަރުބަލިވުމެއް ނެތި މަސައްކަތް ކުރާނީ ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަ ކުރުމަށާއި، ދިވެހި މަސައްކަތްތެރިން ބާރުވެރިކޮށް ޙައްޤުތައް ހޯދައި ދިނުމަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، ކުރިއަރާފައިވާ ފަންނިއްޔާތުގެ އެހީގައި ރައްކާތެރި ބާއްޖަވެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
އަޅުގަނޑުގެ ލަޔާގަތާއި ޤާބިލުކަން ތަންދިން އެންމެ މަތީ ދަރަޖައަކަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމުގައި އަބަދުމެ ދެމިހުންނާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވަން. ގުޅިގެން ބަދަހި ރައްކާތެރި އީޖާދީ މުސްތަޤްބަލެއް ބިނާކުރަމާ ހިންގަވާ.
ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވަނީ، އިތުބާރުކުރައްވައި ހަވާލުކުރެއްވި މަތިވެރި މަސްއޫލިއްޔަތުތަކަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެންނަވާފައެވެ.