ޚަބަރު
ރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހަދާނަން: ވަޒީރު ޝަހީމް
ވަޒީރު ޝަހީމް/ފޮޓޯ: ވުޒާރާ
ރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހަދާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މިފަދަން ވިދާޅުވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ މަޤާމާއި ހަވާލުވެލެއްވުމަށްފަހު މީޑިއާތަކަށް ފޮނުއްވެވި ޚާއްޞަ މެސެޖެއްގައެވެ.
މި މެސެޖުގައި މިނިސްޓަރ ވިދާޅުވީ، ދިވެހި ރާއްޖޭގައި އައުޤާފު މަޝްރޫޢުތައް އިތުރުކޮށް، އައުޤާފުގެ ނިޒާމު ހަރުދަނާކޮށް، އައުޤާފު މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. ހަމަ އެހެންމެ، އައުޤާފާ ގުޅޭ ޤާނޫނެއް ވުޖޫދު ކުރަން މަސައްކަތްކުރާނެ ކަމަށާއި، ރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހަދާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯގައި އައުޤާފާ ބެހޭ ގޮތުން ބަޔާންވެފައިވާ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ﷲ ގެ ރަޙުމަތްފުޅާއެކު މަސައްކަތްކުރާނަން.
މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވިއެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ ނަމަށް ބަދަލުކުރައްވާފައެވެ. މިއީ އައުޤާފްގެ ދާއިރާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަން ހާމަވަގެންދާކަމެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އައުޤާފްގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް މިހާތަނަށް ވެސް ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.