ޚަބަރު
މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ: މެޓް
ވިއްސާރަ ދުވަހެއް--
މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ޢާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މިއަދު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާއިރު، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
ހަމަ އެއާއެކު، ދެކުނުގެ ބައެއް ރަށްތަކަށް ވެސް ކެރީގެ އަސަރުކުރުމާއެކު، ގުގުރުން އެކަށީގެންވާކަމަށް މެޓުން ލަފާކޮށްފައިވާއިރު، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ވިދާޅުވިއެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.
މީގެ އިތުރުން، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނަޑުގައި އާދައިގެވަރަކަަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިންތަކަށް ބަލާއިރު، އުތުރުގެ ހިސާބުތަކަށް 1 ފޫޓްއާ 3 ފޫޓްގެ އުސްމިނުގައި ރާޅު ހުންނައިރު މެދުރާއްޖެތެރެ އާއި ދެކުނުގެ ހިސާބުތަކަށް 2 ފޫޓްއާ 5 ފޫޓްގެ އުސް މިނުގައި ރާޅު ހުންނާނެކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މި ހަފްތާގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރާކުރި ނަމަވެސް، އިހުސާސްކުރެވޭ ހޫނުމިން މަތިވާނެކަމަށް މެޓްއިން ވަނީ ލަފާކޮށްފައެވެ.