Ads by Farudhun

ޚަބަރު

މިމަހު ގިރާވަރު ފަޅު ހިއްކާ ނިމޭނެ، ގޯތީގެ ރެޖިސްޓަރީ ދޭނީ ހިކިފަސްތަނަކުން: ވަޒީރު މުއްޠަލިބް

މިމަހު ގިރާވަރު ފަޅު ހިއްކާ ނިމޭނެ، ގޯތީގެ ރެޖިސްޓަރީ ދޭނީ ހިކިފަސްތަނަކުން: ވަޒީރު މުއްޠަލިބް

ވަޒީރު މުއްޠަލިބް މަޖިލީހުގައި މެމްބަރެއްގެ ސުވާލަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޭޕްރީލު 2026، 11:02

15 އޭޕްރީލު 2026، 11:02

ގިރާވަރު ފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢު މި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށާއި، ގޯތީގެ ރެޖިސްޓްރީ ދޫކުރާނީ ބިން ހިއްކާ ނިމުމުން ހިކިފަސް ބިމަށް ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ގިރާވަރު ފަޅުން ޖުމުލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، ކުރީ ސަރުކާރުން މި މަސައްކަތް ހަވާލުކުރި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ވެރިކަން ބަދަލުވިއިރު ނިންމިފައި އޮތީ އެންމެ 54 ހެކްޓަރުގެ މަސައްކަތެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި އެ ކުންފުންޏަށް މަސައްކަތް އެކަށީގެންވާ ދުވެލީގައި ކުރިއަށް ނުގެންދެވި މަޑުޖެހިފައި އޮތުމުން، މިހާރު މި މަޝްރޫޢު ކުރިއަށްގެންދަނީ އެމްއޭސީއެލްގެ ބެލުމުގެ ދަށުންނެވެ.

މަޝްރޫޢުގެ ތަފްސީލް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، "31 ޖެނުއަރީ 2024 ގައި އެމްއޭސީއެލްއިން އެ ފެށީ ބާކީ ހިމެނޭ 97 ހެކްޓަރު ހިއްކަން. އޭގެ ތެރެއިން 44 ހެކްޓަރު ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި. ބާކީ އޮތް 54 ހެކްޓަރު މި މަހުގެ 31 ގެ ނިޔަލަށް ހިއްކާ ނިމޭނެ ކަމަށް ބަލަނީ." ކަމަށެވެ.

ހަމަމިއާއެކު މި ބަދަލާއެކު މަސައްކަތުގެ ދުވެލި ބާރުވެ، ކަނޑައެޅިފައިވާ ތާރީޚަށް މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ގޯތީގެ ރެޖިސްޓްރީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތައް އޮންނަ ގޮތުން ރެޖިސްޓްރީ ހެދޭނީ ހިކިފަސް ތަނަކަށް ކަމަށެވެ. ކުރީ ސަރުކާރުން ބިން ނުހިއްކާ ރެޖިސްޓްރީ ދޫކުރުމުގެ ސަބަބުން އާންމުންގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވައި، މި ސަރުކާރުން ރެޖިސްޓްރީ ހަވާލުކުރާނީ ބިން ހިއްކާ ނިމުމުން ކަމަށް ވިދާޅުވިއެވެ. މިހާރުވެސް އެތަނުގެ ރެޖިސްޓްރީއާ ގުޅޭ އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތައް
ކުރީ ސަރުކާރުން އެކުލަވާލި ލޭންޑް ޔޫސް ޕްލޭނުގައި 5,000 ގޯތި ދޫކުރުމަށް އޮތް ނަމަވެސް، އެ ސަރަޙައްދުގެ ބިމުގެ ނިސްބަތުން އެ އަދަދަށް ގޯތި ދެވެން ނެތުމުން 1,114 ގޯތި ވަނީ ގުޅީފަޅަށް ބަދަލުކޮށްފައެވެ. މި ބަދަލު ގެނެސްފައިވަނީ އާންމުކޮށް އިޢުލާނުކޮށްގެން ފުރުޞަތު ހުޅުވާލައިގެންނެވެ. މިހާރު ވަނީ އާ ޕްލޭނާ އެއްގޮތަށް ގޯތިތައް ހުންނާނެ ސަރަޙައްދުތަކާއި ޕްލޮޓް ނަންބަރުތައް ކަނޑައަޅައި ނިންމާފައެވެ.

ބޯހިޔާވަހިކަމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދުކަމަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ގިރާވަރު ފަޅަށް ޒިޔާރަތްކުރައްވައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. މި މަޝްރޫޢު ނިމުމުން މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450