ޚަބަރު
މިނިސްޓަރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ވަޒީރުކަމުގެ ހުވާ، އަޙްމަދު ޝިޔާމް ކުރައްވައިފި
ވަޒީރު ޝިޔާމް މަޤާމާ ހަވާލުވެވަޑައިގަތުން/ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ވަޒީރުކަމުގެ ހުވާ، އަލްފާޟިލް އަޙްމަދު ޝިޔާމް މިއަދު ކުރައްވައިފިއެވެ.
ވަޒީރުކަމުގެ ހުވާ ކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ސޮއިކުރެއްވިއެވެ. ވަޒީރުކަމުގެ ހުވާ ކުރެއްވުމަށްފަހު، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޤާމުގެ ފަތްކޮޅު އަރުއްވަވާފައެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސަސްގެ ނަން، މިނިސްޓަރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ނަމަށް މިއަދު ބަދަލުކުރައްވާފައިވަނީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތައް ގެންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މެންބަރަކު އައްޔަންކުރެއްވުން pic.twitter.com/pFgF7ZnGyo
— The President's Office (@presidencymv) April 15, 2026
މި ބަދަލުތަކުގެ ތެރެއިން ރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި 12 މިނިސްޓަރަކު ވަނީ މިނިސްޓަރުކަމުގެ ހުވާކުރައްވާފައެވެ. އޭގެ ތެރޭގައި އަލަށް އުފެއްދެވި ވުޒާރާތަކަށް ޢައްޔަންކުރެއްވި މިނިސްޓަރުންނާއި، އިއްޔެ އިސްތިއުފާ ދެއްވި މިނިސްޓަރުންގެ ބަދަލުގައި ޢައްޔަންކުރެއްވި މިނިސްޓަރުން ހިމެނިވަޑައިގަންނަވައެވެ.
ވަޒީރުންގެ މަޖިލީހުގެ ޢަދަދު 15 އަށް މިހާރު ކުޑަކުރައްވާފައިވާއިރު، މިވަޤުތު ކެބިނެޓުގައި ހުސްކޮށް އިންނެވީ އެންމެ ޖާގައެއްކަން ފާހަގަކޮށްލެވެއެވެ.