ކުޅިވަރު
ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ތުޅާދޫ ޔަންގް އީގަލް އާއި ޒެފްރޯލް އަށް
ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް ކުލަބު (ޓީވައިއީއެސްސީ) ގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ... ފޮޓޯ: ގާފު ސްޕޯޓްސް
ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފިރިހެން އަދި އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން އިއްޔެ ރޭ ނިމިގެން ދިޔައެވެ. ފިރިހެންގެ ބައިން ޗެމްޕިއަންކަން ހޯދީ ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް ކުލަބުން ކަމަށްވާއިރު، އަންހެންގެ ބައިން ޗެމްޕިއަންކަން ހޯދީ ޒެފްރޯލް އިންނެވެ.
މާލޭ ހޭންޑްބޯޅަ ކޯޓުގައި ބޭއްވުނު ފިރިހެން ފުރަތަމަ ޑިވިޝަންގެ ފައިނަލް މެޗުގައި ތުޅާދޫ ޔަންގް އީގަލް ވަނީ އޮޑި ސްޕޯޓްސް ކުލަބާ ކުރިމަތިލާފައެވެ. މި މެޗުން ތުޅާދޫ ޔަންގް އީގަލް ވަނީ 18-16 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ތުޅާދޫ ޔަންގް އީގަލް ފައިނަލަށް ގޮސްފައިވަނީ ސެމީ ފައިނަލްގައި ބުރު ސްޕޯޓްސް ކުލަބު 23-28 އިން ބަލިކޮށްގެންނެވެ. އަދި އޮޑި ސްޕޯޓްސް ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލްގައި ސޯލްޓީޒް 25-14 އިން ބަލިކޮށްގެންނެވެ.
އަންހެންގެ ބައިން ޗެމްޕިއަންކަން ހޯދި ޒެފްރޯލް ވަނީ ފައިނަލްގައި އިސްލޭނޯ ސްޕޯޓްސް ކުލަބާ ކުރިމަތިލާފައެވެ. މި މެޗުން ޒެފްރޯލް ވަނީ 19-9 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ޒެފްރޯލް ފައިނަލަށް ގޮސްފައިވަނީ ސެމީ ފައިނަލްގައި ހުޅުމާލޭ ޔޫތު ކުލަބު 15-22 އިން ބަލިކޮށްގެންނެވެ. އަދި އިސްލޭނޯ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލްގައި ހިޔާ ސްޕޯޓްސް ކުލަބު 11-14 އިން ބަލިކޮށްގެންނެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމެއް ވާދަކުރިއިރު، ފިރިހެން ދެވަނަ ޑިވިޝަނުގައި 16 ޓީމެއް ވާދަކޮށްފައިވެއެވެ. އަންހެންގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ 6 ގުރޫޕަކަށް ބަހާލައިގެން ކަމަށްވާއިރު، ފިރިހެންގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ 4 ގުރޫޕަކަށް ބަހާލައިގެންނެވެ.
މި މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޖީބީ ސްޕޯޓްސް ކުލަބުން ކަމަށްވާއިރު، އަންހެން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރެޑްހޯކްސް އިންނެވެ.