Ads by Farudhun

ޚަބަރު

ގިރާވަރުފަޅުން 98 ހެކްޓަރުގެ ބިން ހިއްކައިފި: ވަޒީރު މުއްޠަލިބް

ގިރާވަރުފަޅުން 98 ހެކްޓަރުގެ ބިން ހިއްކައިފި: ވަޒީރު މުއްޠަލިބް

ވަޒީރު މުއްޠަލިބް މަޖިލީހުގައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޭޕްރީލު 2026، 11:10

15 އޭޕްރީލު 2026، 11:10

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 98 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

 ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އެ ފަޅުން ޖުމްލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މިދިޔަ ސަރުކާރުން ފެށި މި މަޝްރޫއުގެ ދަށުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހިއްކިފައިވަނީ 54 ހެކްޓަރެވެ. ނަމަވެސް، ކުރިން މަސައްކަތް ހަވާލުކުރި ކުންފުންޏަށް މަސައްކަތް ކުރިއަށް ނުގެންދެވި ލަސްވުމާއި، ކޮންޓްރެކްޓަރާއެކު ދިމާވި މައްސަލަތަކާ ގުޅިގެން، މި ސަރުކާރުން މިހާރު ވަނީ އެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްފައެވެ.

އެމްއޭސީއެލް އިން މި އަހަރުގެ ޖެނުއަރީ 31 ގައި މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، "އެމްއޭސީއެލްއިން ހިއްކުމަށް ހަމަޖެހިފައިވަނީ 96 ހެކްޓަރު. މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް 44 ހެކްޓަރުގެ ބިން ވަނީ ހިއްކާފައި އިތުރަށް. އެހެންވީމަ މިހާތަނަށް ޖުމްލަ 98 ހެކްޓަރުގެ ބިން ވަނީ ހިއްކާފައި." ކަމަށެވެ. އަދި ބާކީ އޮތް ބައި އަންނަ މެއި މަހުގެ 31 ގެ ނިޔަލަށް އެއްކޮށް ހިއްކާ ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ގޯތި ދޫކުރުމާއި ލޭންޑް ޔޫސް ޕްލޭން
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އެންމެ ފުރަތަމަ ޕްލޭން ހަދާފައިވަނީ 5000 ގޯތި ދޫކުރާ ގޮތަށް ކަމަށެވެ. ނަމަވެސް އެ ސަރަހައްދުން އެ އަދަދަށް ގޯތި ދެވެން ނެތުމުން، 1000 އެއްހާ ގޯތި މިހާރު ވަނީ ގުޅީފަޅަށް ބަދަލުކޮށްފައެވެ. މި ބަދަލާ ގުޅިގެން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި އަލުން ގުރުނަގައި، ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މުއްޠަލިބް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ނުހިއްކާ ހުރި ބިންތަކަށް ރަޖިސްޓްރީ ދޫކޮށްފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި ވަޒީރު ވިދާޅުވީ، ގާނޫނީ ގޮތުން ނުހިއްކާ އޮންނަ ބިމަކުން ރަޖިސްޓްރީ ދިނުމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންކަމުން، މި ސަރުކާރުން މިހާރު އާ ލޭންޑް ޔޫސް ޕްލޭން އާންމުކޮށް، ގުރުނެގުމުގެ ކަންކަން ނިންމާފައިވާ ކަމަށާއި، ބިން ހިއްކާ ނިމުމާއެކު ރަސްމީކޮށް ރަޖިސްޓްރީ ހަދައި ގޯތިތައް ހަވާލުކުރާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450