Ads by Farudhun

ޚަބަރު

ސުނާމީ ބިނާ ސަރަޙައްދު މަރަމާތުކުރުމުގެ އަމަލީ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ސުނާމީ ބިނާ ސަރަޙައްދު މަރަމާތުކުރުމުގެ އަމަލީ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ސުނާމީ ބިނާ.ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޭޕްރީލު 2026، 11:24

15 އޭޕްރީލު 2026، 11:24

މާލޭގެ ސުނާމީ ބިނާ ހުރި ސަރަޙައްދު އަލުން މަރާމާތުކޮށް، ހިތްފަސޭހަ މައިދާނަކަށް ހެދުމުގެ އަމަލީ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.

މި މަޝްރޫއަކީ މާލޭގެ ޕާކުތަކާއި މައިދާންތައް ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

މި މަޝްރޫއުގެ ދަށުން އެންމެ އިސްކަމެއް ދީފައިވަނީ އެ ސަރަޙައްދުގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓްފައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގަންނަމުންދާތީ އެކަން ހައްލުކުރުމަށެވެ. އެގޮތުން ޝީޓް ޕައިލްތައް އާކޮށް، ކީވޯލް މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. މި މަސައްކަތް އެމްޓީސީސީން އަމަލީގޮތުން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ ހަނދާނުގައި ބިނާކުރި މި ބިނާ އެންމެ ފުރަތަމަ ހުރީ ލޮނުޒިޔާރަތްކޮޅުގައެވެ. ނަމަވެސް ސިނަމާލެ ބްރިޖްގެ މަސައްކަތް ފެށުމާ ގުޅިގެން، މިހާރު އެހުރި ސަރަހައްދަށް ބިނާ ބަދަލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރުގައެވެ.

އެ ދުވަސްވަރު "ސުނާމީ ބިނާ މައިޒާން" ގެ ނަމުގައި އެ ސަރަހައްދު ވަރަށް ފުރިހަމައަށް ތަރައްގީކޮށް ހުޅުވި ނަމަވެސް، ފާއިތުވި އަހަރުތަކުގައި މަރާމާތު ނުކުރެވި އޮތުމުގެ ސަބަބުން އެ ތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. ވަކިން ހާއްސަކޮށް ތޮށިގަނޑާވީ ދިމާލުން ވޯކްވޭތައް ހަލާކުވެ، ބިނާގައި ދަބަރު ޖަހައި، މުޅި ސަރަހައްދުގެ ރީތިކަން ވަނީ ގެއްލިފައެވެ.

މި ސަރަހައްދު އަލުން މަރާމާތުކޮށް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މިއީ މާލޭގައި ހުރި ޕާކުތަކާއި މައިދާންތަކަކީ ރައްޔިތުންނަށް ބޭނުންތެރި، ހިތްފަސޭހަ ތަންތަނަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450