Ads by Farudhun

ޚަބަރު

ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްގު 6093 މީހުންނަށް ލިބުގެންވޭ: އީސީ

ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްގު 6093 މީހުންނަށް ލިބުގެންވޭ: އީސީ

ވޯޓުލާ މަރުކަޒެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޭޕްރީލު 2026، 11:53

15 އޭޕްރީލު 2026، 11:53

ކުރިއަށް އޮތް ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 6093 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ދެވަނަ ބުރުގައި ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަނާއި، ވޯޓުލުމަށް އެ ފޮށިތަކުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ލިސްޓު އާންމުކޮށްފައެވެ. މި ލިސްޓުތަކުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ ފުރުސަތު މިއަދު މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ އީސީގެ އިންތިޚާބާބެހޭ މަރުކަޒުގައެވެ.

ދެވަނަ ބުރު ބާއްވާ ދާއިރާތައް
އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ޖުމްލަ 5 ދާއިރާއެއްގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްސަ ގޮނޑިއަށް މެންބަރަކު ހޮވުމެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރު ބާއްވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށެވެ.

ވޯޓު ފޮށިތަކުގެ ތަފްސީލު
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި މި އިންތިޚާބުގައި ޖުމްލަ 14 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެއީ ކެލާ، މާވަށް އަދި ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި 2 ފޮށި، އަދި ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި އެއް ފޮއްޓެވެ. މީގެ އިތުރުން މާލޭގައި މި ދާއިރާތަކަށް ޚާއްސަކޮށްގެން 6 ވޯޓު ފޮށި ބަހައްޓާނެއެވެ.

މާލޭގައި ވޯޓުފޮށިތައް ބަހައްޓާނެ ތަންތަނަށް ބަލާއިރު، ކެލާ އަދި ދޮންފަނުގެ ރައްޔިތުންނަށް ތާޖުދިއްދީން ސްކޫލުގައި، ނޭކުރެންދޫ އާއި މާވަށުގެ ރައްޔިތުންނަށް ހިރިޔާ ސްކޫލުގައި، އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ ރައްޔިތުންނަށް ދަރުމަވަންތަ ސްކޫލުގައި ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450