ޚަބަރު
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އޮފިޝަލުން ހޯދަން އިޢުލާނުކޮށްފި
އިންތިޚާބެއްގެ ވޯޓުލިން ކުރިއަށްދަނީ. ފޮޓޯ: އީސީ
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މި އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ކޮމިޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ. މިގޮތުން ވޯޓުލާ މަރުކަޒުގެ ވެރިޔާއާއި، ވެރިޔާގެ އެހީތެރިންނާއި، އޮފިޝަލުންގެ އިތުރުން ރިޒާވް އޮފިޝަލުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
އޮފިޝަލުންނަށް ކަނޑައަޅާފައިވާ އުޖޫރަ
މި އިންތިޚާބުގައި މަސައްކަތްކުރާ އޮފިޝަލުންނަށް ދިނުމަށް ހަމަޖެހިފައިވާ އުޖޫރަތަކަށް ބަލާއިރު، ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 2،200 ރުފިޔާ، ވެރިޔާގެ އެހީތެރިންނަށް 1،900 ރުފިޔާ، އޮފިޝަލުންނަށް 1،800 ރުފިޔާ، އަދި ރިޒަރވް އޮފިޝަލުންނަށް 1,000 ރުފިޔާ ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން މަސައްކަތްކުރާ ގަޑިތަކަށް ބަލައި ކެއުމާއި ސައިގެ އެލަވަންސްގެ އިތުރުން އިތުރުގަޑީގެ ފައިސާވެސް ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ.
ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތައް
އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ޢުމުރުން 18 އަހަރު ފުރިފައިވާ، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާނުކުރާ މީހުންނަށެވެ. އަދި ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކަށް ނުވުމާއި، ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރަކަށް ނުވުމުގެ އިތުރުން، އެއްވެސް ކެންޑިޑޭޓެއްގެ މަންދޫބެއް ނުވަތަ އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތަކަށް ވެގެންނުވާނެއެވެ. މީގެ އިތުރުން ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކަށް ވެސް ވެގެންނުވާނެއެވެ.
މި މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 3:00 އެވެ. އޮފިޝަލުންގެ ގޮތުގައި ހޮވޭ ފަރާތްތައް ތަމްރީން ކުރުމުގެ ޕްރޮގްރާމް ޖޫން މަހުގެ 1 އިން 3 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހަށެވެ.