ޚަބަރު
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވާނެކަން ސިނާން އިޢުލާނުކުރައްވައިފި
ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސިނާން
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަނުގައި ވާދަކުރައްވާނެކަން އެ ދާއިރާ ކުރިން ތަމްސީލު ކުރެއްވި މެމްބަރު މުޙައްމަދު ސިނާން އިޢުލާނުކުރައްވައިފިއެވެ.
ސިނާން މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ މިދިޔަ އާދިއްތަ ދުވަހުއެވެ. މި މައްސަލައަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެގި ލޯނަކަށް 3.8 މިލިއަން ރުފިޔާ ދެއްކުމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ އޮތުމުން، ޣާލިބް ސަލީމް ކިޔާ މީހަކު ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ. ސުޕްރީމް ކޯޓުން ނިންމީ ހުކުމާ އެއްގޮތަށް ދަރަނި ނުދައްކާތީ މަޖިލިސް މެމްބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތެއް ސިނާންގެ ކިބައިން އުނިވެފައިވާ ކަމަށެވެ.
މި މައްސަލައަކީ ސިނާންގެ އިތުރުން ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުހައްމަދު ސަލީމް ބައިވެރިވެގެން ނަގާފައިވާ ލޯނަކާ ގުޅޭ މައްސަލައެކެވެ. އެމްއައިބީން ކުރި މި ދައުވާގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވަނީ، ނުދެއްކި ހުރި ލޯނު ފައިސާއާއި ޖޫރިމަނާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާޞްކުރުމަށެވެ.
ސިނާންގެ ގޮނޑި ގެއްލުމާ ގުޅިގެން ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 04:00 އަށެވެ.
އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ގޮތުގައި، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. ސިނާން އަލުން އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާނުކުރެއްވިއިރު، މިއީ އެ ދާއިރާގެ ސިޔާސީ މަސްރަޙު ވަރަށް ބޮޑަށް ހޫނުވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.