ޚަބަރު
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި 2 ކޯހެއް ނިންމާލައިފި
ނިންމުމުގެ ރަސްމިއްޔާތު/ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި 2 ކޯހެއްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތުގައި ސެޓްފިކެޓް ދީފައިވަނީ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން (ބެޗް 11،12) އާއި ޑިޕްލޮމާ އިން ސެކިއުރިޓީ ސްޓަޑީޒް (ބެޗް 2) ފުރިހަމަކުރި ދަރިވަރުންނަށެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ކޮލެޖްގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާންއާއި، އެމް.އެން.ޑީ.އެފް، މޯލްޑިވް ޕޯޓްސް ލިމިޓެޑް، އޭވިއޭޝަން އެންޑް ޕޯސްޓް ސެކިއުރިޓީގެ އިސްވެރިންނާއި އެހެނިހެން ފުލުހުން ބައިވެރިވެލެއްވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޑިޕްލޮމާ އިން ސެކިއުރިޓީ އެންޑް ރިސްކް މެނޭޖްމަންޓް ކޯހުގެ މަޤްޞަދަކީ ދިވެހި ރާއްޖޭގެ ސެކިއުރިޓީ ދާއިރާގެ މުވައްޒަފުންގެ ޢިލްމީ ޤާބިލުކަން އިތުރުކުރުމާއި ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްގެ މިންގަނޑުތަކަށް އަހުލުވެރިކުރުވުން ކަމަށެވެ. އެގޮތުން، 18 ދަރިވަރުން ބައިވެރިވި މި ކޯހުން 1 ވަނަ ހާސިލުކޮށްފައިވަނީ އޭވިއޭޝަން ސެކިއުރިޓީގެ މަރިޔަމް ސަނާއެވެ.
މީގެ އިތުރުން، ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ މަޤްޞަދަކީ ތަޙުޤީގުކުރާ ފުލުހުންގެ ހުނަރު ތަރައްޤީކުރުމާއި، އެ ފުލުހުންނަކީ ޤާބިލު އަދި ޒިންމާދާރު ބައެއްގެ ގޮތުގައި ބިނާކުރުމެވެ. މި ކޯހުގައި ދެ ބެޗު ހިމެނޭގޮތަށް 73 ފުލުހުން ބައިވެރިވެފައިވާއިރު، ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ ބެޗު 11 އިން 1 ވަނަ ހާސިލުކޮށްފައި ވަނީ ސަރޖަންޓް ރަމްލާ ޙުސައިންއެވެ. އަދި ބެޗު 12 އިން 1 ވަނަ ހާސިލުކޮށްފައި ވަނީ ސަރޖަންޓް ސަމްޙަތު ނަޢުމާއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ގެންދަނީ ޒަމާނީ ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ފެންވަރު ރަނގަޅު، ތަމްރީނު ޕްރޮގްރާމްތަކާއި ތަފާތު ކޯސްތައް ހިންގަމުންކަން ފާހަގަކޮށްލެވެއެވެ.