Ads by Farudhun

ޚަބަރު

މަޖިލީހަށް ހުށަހެޅި "ވަޠަނީ ޚިދުމަތުގެ ބިލު" މަޖިލީހުން ބަލައިގަނެ، ދިރާސާ ކުރުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވައިފި

މަޖިލީހަށް ހުށަހެޅި "ވަޠަނީ ޚިދުމަތުގެ ބިލު" މަޖިލީހުން ބަލައިގަނެ، ދިރާސާ ކުރުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވައިފި

ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބުރުގެ ބައިވެރިން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޭޕްރީލު 2026، 01:18

15 އޭޕްރީލު 2026، 01:18

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ވަޠަނީ ޚިދުމަތުގެ ބިލު" މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށްޓަކައި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވައިފިއެވެ.

މި ބިލަކީ ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ޖީލެއް ބިނާކުރުމަށްޓަކައި ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ގާބިލުކަން އަށަގެންނެވުމަށް މަގުފަހިކުރުމަށް ހުށަހެޅި ބިލެކެވެ.

ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަޤްޞަދަކީ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ތަޢާރަފުކޮށް، އެކަމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ޕްރޮގްރާމަކީ އިސްލާމްދީނަށް ލޯބިކުރާ، ދީނީ ޝިޢާރުތަކަށް އިހްތިރާމްކުރާ އަދި ޤައުމިއްޔަތަށް އިސްކަންދޭ ޒުވާނުންތަކެއް ބިނާކުރުމަށް އަމާޒުކޮށްގެން ހިންގޭނެ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 16 އަހަރާއި 21 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ޒުވާނަކަށް ލިބިގެންވެއެވެ. ނަމަވެސް 18 އަހަރުނުވާ ކުޑަކުދިން ބައިވެރިކުރެވޭނީ ބެލެނިވެރިޔާގެ ހުއްދައާއެކު އެ ކުއްޖަކު އަމިއްލައަށް ބޭނުންވާނަމައެވެ. މީގެ އިތުރުން، ބައިވެރިވާން އެދޭ ޒުވާނުންނަކީ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މެޑިކަލް އެސެސްމަންޓްތަކުން ފާސްވާ ފަރާތްތަކަކަށް ވާންޖެހޭނެއެވެ.

ބިލުގައިވާ ގޮތުން ޕްރޮގްރާމުގެ ބައިވެރިންގެ ހުރުމާއި، ކެއުމާއި، ބޭސްފަރުވާ އަދި ދަތުރުފަތުރުގެ ޚަރަދުތައް ހަމަޖައްސައިދޭނީ ދިފާޢީ ވުޒާރާއިންނެވެ. އަދި ބައިވެރިންނަށް އެކަށީގެންވާ އިނާޔަތެއް ދިނުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުން ޔުނިފޯމް އެޅި ޚިދުމަތެއްގައި އެއް އަހަރަށްވުރެ ދިގުނުވާ މުއްދަތަކަށް މަސައްކަތް ކުރަންޖެހޭނެއެވެ.

މި ޕްރޮގްރާމް ހިންގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ ޚާއްޞަ ގަވަރނިން ކައުންސިލެއް އެކުލަވާލުމަށް ބިލުގައި ހިމަނާފައިވެއެވެ. މި ކައުންސިލްގައި ދިފާޢީ ވަޒީރު، ދާޚިލީ ވަޒީރު، މާލީ ވަޒީރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް އަދި ކޮމިޝަނަރ އޮފް ޕޮލިސް ހިމެނިވަޑައިގަންނަވާނެއެވެ. ޕްރޮގްރާމް ނިންމާ ޒުވާނުންނަށް ޔުނިފޯމް އެޅި ޚިދުމަތްތަކުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450