ޚަބަރު
ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަކަށް މި ސަރުކާރުން އިހާނަތިކޮށް ހިތާފައެއް ނޯންނާނެ: ޝުޖާއު
އެމްޕީ ޝުޖާއު/ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަކަށް މި ސަރުކާރުން އިހާނަތިކޮށް ހިތާފައެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ޤާނޫނުއަސާސީ އާއި، ކަމާގުޅޭ ޤާނޫނުތަކާއި އަދި މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓާ ޚިލާފަށް، ސަރުކާރުން ކުރަމުންގެންދާ ކަންކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރަށް މިއަދުގެ މަޖިލިސް ޖަލްސާގައި ބަހުސްކުރައްވަމުންނެވެ.
މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، މިއީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްޝީދް، މެންބަރު މުހައްމަދު އިބްރާހިމް ލައްވައި ކުރީގެ ރައީސް ސޯލިހަށް އެއްޗެހި ކިއުމަށް ހުށަހަޅުއްވައިގެން އުޅުއްވާ ޤަރާރެއް ކަމަށެވެ. ހަމަ އެހެންމެ، އެ ޤަރާރު ހުށަހެޅުއްވި މެންބަރަކީ މަޖިލިސް އުފެދުނު ފަހުން މިހާތަނަށް އެންމެ ބަޖެޓަކަށް ވެސް ވޯޓްދެއްވި ބޭފުޅެއް ނޫންކަން ޝުޖާއު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ސޮވޮރެން ޑިވެލޮޕްމެންޓް ފަންޑުގައި ހުރި ބޭރުގެ ފައިސާ 90 އިންސައްތަ ދިވެހި ރުފިޔާއަށް ބަދަލުކޮށް ދިވެހި އިޤްތިޞާދަށް ދޫކޮށްލާފައިވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު، ގެއްލުމުގެ ބަދަލު ދިނުމާ ބެހޭ ކޮމިޓީއެއް ހަދައި އެ ކޮމިޓީން މާފްކުރާ މީހުންނަށް އެ ފައިސާ ބަހަމުން ގެންދިޔަ ކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
މަޖިލީހުން ފާސްކުރުމަށްފަހު ބަޖެޓްގައި ނުހިމެނޭ އެތައްކަމެއް ކުއްލިއަކަށް ފަށައި އެ ފަރާތްތަކަށް ފައިސާ ދެމުން ގެންދިޔައީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން. ކޮންމެ އަހަރަކު ސަޕްލިމެންޓްރީ ބަޖެޓް ހުށަަހަޅާފައިވަނީ ޚަރަދު ކުރުމަށްފަހުގައި. އަދި ޚަރަދުކުރި ގޮތުގައި ބަޔާނެއްގެ ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓް އެމްޑީޕީ ވެރިކަމުގައި ހުށަހަޅާފައި އޮތީ. މިއަދު އެމްޑީޕީގެ އިސް ލީޑާރު ނަޝީދު ވިދާޅުވަނީ ސަޕްލިމެންޓްރީ ބަޖެޓަކީ ވައްކަމުގެ ރަސީދެއްގެ ގޮތުގައި.
ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ބޭރުންނާއި އެތެރެއިން ލޯނު ނެގުމަށްފަހު މަޖިލީހަށް އެ ލޯންތަކުގެ ތަފްޞީލް ނުފޮނުވައި "ބޮޑު ފޮއްޓައްލައި ތަޅުލާފައި" އެމްޑީޕީ ސަރުކާރުން ބޭއްވި ކަމަށެވެ. އަދި މިއީ ބަޖެޓެއް މެނޭޖްކުރުމަށް ފަސް އަހަރު އެމްޑީޕީ ވެރިކަން ހޭދަކުރި ގޮތް ކަމަށާއި، ހަތަރު އަހަރުން 8 ބިލިއަން ރުފިޔާ ޗާޕްކޮށް ނެރިފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ. ހަމަ އެއާއެކު، ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުގައި ކޮވިޑްގައި ލިބުނު ހިލޭ އެހީވެސް ކާލީ އެމްޑީޕީ ސަރުކާރުންކަން ޝުޖާއު ފާހަގަކުރެއްވިއެވެ.
އެމްޑީޕީން ތުހުމަތުކުރާ ގޮތަށް ޤާނޫނާއި ޤަވައިދާ ޚިލާފަށް މި ސަރުކާރުން ކަމެއް ނުކުރާ ކަމަށާއި، މަޖިލީހުން ފާސްކުރި ބަޖެޓަކަށް މި ސަރުކާރުން އިހާނަތިކޮށް ހިތާފައެއް ނޯންނާނެ ކަމަށާއި، ޚަރަދު ނުކުރަން ޖެހޭ ތަނަކަށް ޚަރަދުކޮށްފައެއް ވެސް ނޯންނާނެ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
ހަމަ އެހެންމެ، މި ސަރުކާރުން ޚަރަދުކުރަމުން ގެންދަނީ މާލިއްޔަތު ޤާނޫނާއި ޤަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ޝުޖާއު ވިދާޅުވިއެވެ.