Ads by Farudhun

ޚަބަރު

ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ރަށަކަށް ވާރޭވެހި މަގުމަތީގައި ފެންބޮޑުވެފައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 އޭޕްރީލު 2026، 09:39

16 އޭޕްރީލު 2026، 09:39

ރާއްޖޭގެ މޫސުން ގޯސްވެ، އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ސަރަޙައްދަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ. މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށެވެ. މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 01:00 އާ ހަމައަށެވެ.

ވަރަށް ބޮޑަށް ހޫނުގަދަ ދުވަސްތަކަކަށްފަހު، ވޭތުވެދިޔަ ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރުކުރަން ވަނީ ފަށާފައެވެ. މިވަގުތު މާލެ ސަރަޙައްދަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހެމުންދާއިރު، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވެހުނު ބޯ ވާރޭގެ ސަބަބުން މާލޭގެ ބައެއް ހިސާބުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން މިހާރު ވަނީ ފަށާފައެވެ. ޚާއްޞަކޮށް މާފަންނު ސަރަޙައްދުގައި ހުރި ޕަމްޕްތައް ބޭނުންކޮށްގެން އެ ސަރަޙައްދުން ފެން ހިއްކުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް މަޢުލޫމާތު ލިބެއެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ވިއްސާރަވި ނަމަވެސް، އާންމު ގޮތެއްގައި ވަޔާއި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ. ވައި ޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވިލާގަނޑުގައި ވަޔާއި ކަނޑު އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް ހަފުތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. މިހާރު ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ވިއްސާރަ ކަމަށާއި، ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނީ އަންނަ މަހުގެ މެދުތެރޭގައި ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ހޫނުގަދަވެފައި އޮތުމަށްފަހު ވާރޭ ވެހެން ފެށުމާއެކު، ރާއްޖޭގެ ފިނިހޫނުމިން މިހާރު ވަނީ މަޑުމަޑުން ދަށަށް ދާން ފަށާފައެވެ. މިއީ ހޫނުގަދަވުމުގެ ސަބަބުން އާންމުންނަށް ކުރިމަތިވި އުނދަގޫތަކަށް ލިބުނު ބޮޑު ލުޔެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450