ޚަބަރު
ވަޤުތީ ސަރުކާރެއް އުފައްދަން އިދިކޮޅު އެމްޑީޕީން ގޮވާލަނީ ޤައުމުގައި ހަމަނުޖެހުން އުފައްދަން: އެމްޕީ ޒަރީރު
މެމްބަރ ހަސަން ޒަރީރް/ފޮޓޯ: މަޖިލިސް
ވަޤުތީ ސަރުކާރެއް އުފައްދަން އިދިކޮޅު އެމްޑީޕީން ގޮވާލަނީ މި ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށްކަމަށް މަތިވެރި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
މެމްބަރު ޒަރީރު މިފަދައިން ވިދާޅުވެފައި ވަނީ، ކުރީގެ ރައީސް ނަޝީދު ހިމެނޭހެން އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން، ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވައިލުމަށް ގޮވާލަމުން އަންނަ ދަނޑިވަޅެއްގައެވެ.
އިދިކޮޅު އެމްޑީޕީގެ ލީޑަރޝިޕުން ދައްކަމުން އަންނަ މި ވާހަކަތަކަށް ރައްދު ދެއްވަމުން މެމްބަރު ޒަރީރު ވިދާޅުވީ، ހުރިހާ ސިޔާސީ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލުމުގެ ހާލަތެއް ދިވެހިރާއްޖޭގައި އަދި ނެތް ކަމަށެވެ. ހަމަ އެހެންމެ، އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް އެމްޑީޕީ ސަރުކާރުން ގޮވާލަމުން އަންނަނީ ރާއްޖޭގެ ކޮން ކަމެއް ގޯސްވެގެންތޯ މެމްބަރު ޒަރީރު ވަނީ ސުވާލު އުފައްދަވާފަ އެވެ.
އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް އިދިކޮޅު ފަރާތްތައް، ނުވަތަ އެމްޑީޕީން ނުވަތަ ރައީސް ޔާމީން އެ ގޮވާލައްވާ ގޮވާލެއްވުމަކީ އަޅުގަނޑު ދަންނަވާނީ މި ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް ގޮވާލާ ގޮވާލުމެކޭ. އެބޭފުޅުންނަށް އެނގޭ 2028 އެބޭފުޅުންނަށް ކާމިޔާބު ނުކުރެވޭނެކަން. އެހެންވީމަ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކުރާ މަސައްކަތް މިއީ. އަދި ނުދޭ ޤައުމު އެހާލަތަކަށް.
މެމްބަރު ހަސަން ޒަރީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރު ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ ޒިންމާއެއް ނަމަވެސް، އެކަން ކުރުމުގައި ފެންނަމުންދާ ހަގީގަތުގެ މައްޗަށް ބުރަވާންޖެހޭކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި ނިމިދިޔަ އިންތިޚާބު ކާމިޔާބުވީ އިދިކޮޅު އެމްޑީޕީއަށް ކަމަށް އެ ޕާޓީން ބުނަމުންދާ ބުނުމަށް ރައްދު ދެއްވަމުން ޒަރީރު ވަނީ، އިންތިޚާބުގައި ހަގީގީ ކާމިޔާބު ލިބުނީ ޕީއެންސީއަށްކަން ފާހަގަކުރައްވާފައެވެ. އެގޮތުން، އެންމެ ގިނަ ވޯޓު އަދި އެންމެ ގިނަ ގޮނޑި ޕީއެންސީން ނަގާފައިވާއިރު، އެމްޑީޕީއަށް ކާމިޔާބުވީ ކޮން ކަމެއްތީ ޒަރީރު ވަނީ ސުވާލު އުފައްދަވާފައެވެ.
މެމްބަރު އިތުރަށް ވަނީ، ރައްޔިތުންނަށް އޮޅުވާލުމަށް އިދިކޮޅު އެމްޑީޕީން މިއަދު ކުރަމުންދާ ކަންކަން ކާމިޔާބު ނުވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.