ޚަބަރު
ސަޢުދީ ރަސްގެފާނުގެ ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރައްވައިފި
ކަދުރު ހަދިޔާކުރުން/ފޮޓޯ: ވުޒާރާ
ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރައްވައިފިއެވެ.
މި ކަދުރު ރަސްމީކޮށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ހަވާލުކުރެއްވުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވަވާފައެވެ.

މި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ކަދުރު ހަވާލުކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ. އަދި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ފަރާތުންމި ކަދުރާ ހަވާލުވެލެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން ރަމަޟާން މަހާއި ދިމާކޮށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއަށް 10 ޓަނުގެ ކަދުރު ހަދިޔާކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އެ ކަދުރުތައް އެކި ދާއިރާތަކުގެ ފަރާތްތަކަށް އެ ވުޒާރާއިން ވަނީ ހަދިޔާކުރައްވާފައެވެ.