ޚަބަރު
އަތޮޅު ކައުންސިލްތައް އުވާލިޔަސް ޤާނޫނީ ހުސްކަމެއް ނާންނާނެ: އެލްޖީއޭ
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ މުޙައްމަދު ނިމާލް ފޮޓޯ؛ ރައީސް އޮފީސް
އަތޮޅު ކައުންސިލްތަކާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އުވާލުމަށް ނިންމި ނަމަވެސް، އެކަމުގެ ސަބަބުން ޤާނޫނީ އެއްވެސް ހުސްކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދީފިއެވެ.
އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުމުން ޤާނޫނީ ހުސްކަމެއް އަތުވެދާނެ ކަމަށް ބުނެ މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ޤާނޫނުގެ ދަށުން އެލްޖީއޭގެ މަސްއޫލިއްޔަތެއްކަން އެ އިދާރާއިން ފާހަގަކުރެއެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގެ ދަށުން، އަތޮޅު ކައުންސިލްތައް އުވިގެންދާއިރު އެ ތަންތަނުން ދެމުންދިޔަ ޚިދުމަތްތަކާއި، މުދަލާއި، ވަސީލަތްތައް ބަދަލުވެގެންދާނީ އެލްޖީއޭގެ ދަށަށެވެ. އަދި އަތޮޅުތަކުގައި އެލްޖީއޭގެ އޮފީސްތައް ޤާއިމްކުރުމުގެ އިޙްތިޔާރުވެސް ޤާނޫނުން އެ އިދާރާއަށް ލިބިދީފައިވެއެވެ.
އެލްޖީއޭއިން އިތުރަށް ވިދާޅުވީ، އަތޮޅު ކައުންސިލްތަކުގެ ޤާނޫނީ މަސްއޫލިއްޔަތު އެލްޖީއޭއަށް ބަދަލުވުމުން، އެ އިދާރާގެ ދަށުން ހިންގާ އޮފީސްތަކެއްގެ ގޮތުގައި އެ ތަންތަން ހިންގޭނެ ކަމަށެވެ. މީގެ ސަބަބުން މިހާރު ތިބި މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަން ކަށަވަރުވެ، މެދުކެނޑުމެއްނެތި ޚިދުމަތްތައް ކުރިއަށްދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައި ސަރުކާރާއި ރަށު ކައުންސިލްތަކާ ދެމެދު ހުރި އިދާރީ ހުރަސްތައް ނައްތާލައި، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމެވެ. މިފަހަރުގެ ކައުންސިލް އިންތިޚާބުގައިވެސް އަތޮޅު ކައުންސިލްތަކަށް މީހުން އިންތިޚާބު ނުކުރަން ނިންމާފައިވަނީ މި ސަބަބަށްޓަކައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮތް ބާރުތައް ފުޅާކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.